ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ހިންގަމުންދާ މަސްދަޅު ބެހުމުގެ ޕްރޮގްރާމަށް އޮންލައިން ޓޯކަން ދޫކުރަން ފެށި ވަގުތާ ދިމާކޮށް، ސްޓެލްކޯގެ އެޕްލިކޭޝަން ޑައުންވެގެން ދިޔައީ ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާތަކެއްގެ ސަބަބުން ކަމަށް އެކުންފުނިން ބުނެފިއެވެ.
ސްޓެލްކޯ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ހަމަލާގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އެޕްލިކޭޝަންގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް، މިހާރު ވަނީ އެ ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވައި، އެޕްލިކޭޝަންގެ ޚިދުމަތް އަލުން ފޯރުކޮށްދޭން ފެށިފައި ކަމަށެވެ.
"މި ކަމާއިގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދެން،" ސްޓެލްކޯ އިން ކޮށްފައިވާ ޕޯސްޓުގައިވެއެވެ.
ރޯދަމަހަށް ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސްތައް ބަހަން ފެށީ މިމަހުގެ ވިހިވަނަ ދުވަހުއެވެ.
މަސްދަޅު ބަހަން ފަށާ ގަޑިތައް:
• 20 ފެބްރުއަރީ 2025- 20:30 އިން 23:00 އަށް
• 21 ފެބްރުއަރީ 2025- ބަންދު
• 22 ފެބްރުއަރީ 2025- 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
• 23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025- 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ނިންމިފައިވާ ސަރަހައްދުތައް:
• މާލޭގައި: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް
• ވިލިމާލޭގައި: ވެމްކޯ ސައިޓް
• ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ
• ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު