މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ފްރޭމް ކޮށްފައިވާ ކަމަށް އޭނާގެ އާއިލާ އިން ތުހުމަތު ކޮށްފައިވީ ނަމަވެސް، ޝައްމާން ފްރޭމް ނުކުރާކަން ކަށަވަރު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްވަވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ ޝައްމާން ފުލުހުންގެ ބަންދަށް ގެންދަން ޖެހުނީ އިހުސާނާއި ދެބޭފުޅުން ޖެހުނު މައްސަލައަކާއި ގުޅިގެންތޯ ސުވާލު ކުރައްވައިފައެވެ.
ޝައްމާން އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނެވިއިރު ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ކަމަށް އެ ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވިއެވެ. ނަމަވެސް ގާނޫނާ ހިލާފުވާ ހިސާބުން ކިތަންމެ ގާތް ބޭފުޅެއް ކަމުގައިވީ ނަމަވެސް އެއްވެސް އިސްތިސްނާއެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
"އެ މީހާއަކީ ކޮން ހައިސިއްޔަތެއްގައި ހުރި މީހެއްތޯ ކޮން މަގާމެއްގައި ހުރި މީހެއްތޯ އަޅުގަނޑުމެން ނުބަލަން. ގާނޫނު ދަންނަ އެއްޗެއް ނޫން މީހާ ހުރި މަގާމަކީ،" އިހުސާން ވިދާޅުވިއެވެ.
ޝައްމާން ފްރޭމް ކޮށްފައިވާ ކަމަށް އާއިލާ އިން ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެއްވަވައި އިހުސާން ވަނީ އެފަދަ ކަމެއް ސަރުކާރުން ނުކުރާކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ޝަމްހީދުގެ ސުވާލަށްފަހު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވެސް ވަނީ ޝައްމާނާއި ގުޅޭ ގޮތުން ސުވާލު ކުރައްވަވައިފައެވެ. އެގޮތުން ސަރުކާރުގެ އިސް ބޭފުޅުންގެ މައްސަލަތައް ބެލުމުގައި ތަފާތު ކުރުންތައް ގެންގުޅެނީ ކީއްވެގެންތޯ ސުވާލު ކުރެެއްވިއެވެ.
އޭނާ އެ ފާހަގަކުރެއްވީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ގެއިން ފެނުނު ފައިސާ އަކީ ޝައްމާންގެ ގެއިން ފެނުނު ފައިސާއަށްވުރެ ގިނަ އަދަދެއްގެ ފައިސާއަށްވެ، ފަޒުލް ދޫކޮށްލުމަށްފަހު ޝައްމާން ހައްޔަރު ކޮށްފައި ބެހެއްޓުމެވެ.
"އެޗްޑީސީ އެމްޑީ މިނިވަންވެފައި، ޝަމްއާން ވާނުވާއަށް ދާން އެ ޖެހެނީ އެ ކީއްވެ ކަމެއް އަޅުގަނޑަކަށް ނޭނގުނު،" ފިއްޓެ ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އާފަލާއި އޮރެންޖާއި އަޅާ ނުކިޔޭނެހެން ފަޒުލްގެ މައްސަލަ އާއި ޝައްމާންގެ މައްސަލައާ އަޅާ ނުކިޔޭނެ ކަމަށެވެ.
އިހުސާން ވިދާޅުވީ ފުލުހުންގެ ޝައްމާން ބަންދު ކޮށްފައި ވަނީ ސާބިތު ހެކި ފެނިގެން ކަމަށެވެ. އެ މައްސަލައިގެ އިތުރު ތަފްސީލުތައް ޕީޖީއަށް މައްސަލަ ފޮނުވާ ހިސާބުން އާއްމު ކުރައްވާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.