އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދާއި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ޕާޓީގެ ރަސްމީ ދަތުރެއްގައި އަތޮޅުތެރެއަށް ފުރާވަޑައިގެންފިއެވެ.
ޝާހިދު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ބައިވެރިވެވަޑައިގަންނަވައެވެ.
ށ. އަތޮޅަށް ފައްޔާޒު ފެއްޓެވި ދަތުރުފުޅުގައި ޑިމޮކްރެޓްސްގެ ރައީސްކަމުން އިސްތިއުފާ ދެއްވައި، އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ބައިވެރިވެވަޑައިގަންނަވައެވެ. އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެ ދަތުރުގައި ފައްޔާޒާ އެކު ބައިވެރިވެވަޑައިގަންނަވައެވެ.
އެމްޑީޕީން ބުނީ ދެ ބޭފުޅުންގެ ދަތުރުގައި އެ އަތޮޅުގެ ހުރިހާ ދާއިރާއަކަށް ވަޑައިގަންނަވާނެ ކަމަށާއި މި ދަތުރުތަކުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް އިތުރު ގިއަރަކަށް މަތި ކުރުމާ ގުޅޭ ގޮތުން ޕާޓީގެ މެންބަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"މި ސަރުކާރުން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ކުރަމުންދާ ކަންކަމުގެ މައުލޫމާތު ދީ އެ ކަންކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން ވެސް ހިޔާލު ބަދަލުކުރަން ވަނީ ހަމަޖެހިފައެވެ،" އެމްޑީޕީން ބުންޏެވެ.
ޝާހިދާއި ފައްޔާޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެނބުރި މާލެ ވަޑައިގަންނަވާނީ ހަފްތާ ބަންދު ނިންމަވާލެއްވުމަށްފަހުގައެވެ.