މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިހް ޑރ. ސަލާހުލް ބުދައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އެ ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިހް ޑރ. ސަލާހުލް ބުދައިރަށް މަރުހަބާ ދަންނަވާ، ސައުދީ އަރަބިއްޔާ އާއި ދިވެހިރާއްޖޭގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މިދަތުރުފުޅަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑރ. ސަލާހުލް ބުދައިރުގެ މިދަތުރުފުޅަކީ، ވޭތުވެދިޔަ 41 އަހަރުގެ ތެރޭގައި މަސްޖިދުއްނަބަވީގެ އިމާމަކު ރާއްޖެއަށް ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރުކަމަށްވެސް ފާހަގަކުރެއްވިއެވެ.
ޑރ. ސަލާހުލް ބުދައިރުގެ ވާހަކަފުޅުގައި އެމަނިކުފާނަށް ރާއްޖެއިން އެރުވި ދައުވަތާއި މެހެމާންދާރީއަށް ޝުކުރުދެންނެވިއެވެ. އަދި، ދެގައުމުގެ މެދުގައި އޮތް ގުޅުމަކީ އިސްލާމީ ވަހުދަތުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަމަށް ވިދާޅުވެ، އެގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ޑރ. ސަލާހުލް ބުދައިރު ވަނީ، ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލްސައޫދު އާއި އެގައުމުގެ ވަލީއަހުދު ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒު އަލްސައޫދު ގެ ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީގައި، ހާއްސަކޮށް އިސްލާމީ ތައުލީމު ފުޅާކުރުމުގައި، ސައޫދީ އަރަބިއްޔާގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ހައްޖާއި އުމްރާގެ އަޅުކަމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމާއި، ހައްޖާއި އުމްރާވެރިންނަށް ސައުދީ ސަރުކާރުން ފޯރުކޮށްދެމުންދާ މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ ޝުކުރެއް ދެންނެވިއެވެ.