ދިވެހި ސިފައިންގެ އާމީ އާއި ނޭވީ އަދި އެއާފޯސް އެއް އުފައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ 133ވަނަ އަހަރީ ދުވަހާއި ގުޅިގެން މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ ސިފައިންގެ ގާބިލިއްޔަތު އިތުރު ކުރުމަށްޓަކައި އެކިއެކި ވަސީލަތްތައް އިތުރު ކުރުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށެވެ.

ވެރިކަމަށް ވަޑައިގެންނެވިތާ ކައިރީގައި ސަރުކާރުން ވަނީ ތުރުކީން ޑްރޯންތަކެއް ގަނެފައެވެ. އަދި ދިވެހި ސިފައިންނަށް ތުރުކީ ސަރުކާރުން ވަނީ މިސައިލް ފޮނުވޭ ގާބިލްކަން ލިބިފައިވާ މަނަވަރެއް ހަދިޔާ ކޮށްފައެވެ. އަދި ދާދިފަހުން ސިފައިންނަށް ޓޭންކަރުތަކެއް ވެސް ވަނީ ހޯދައިފައެވެ. އެކަމަށް ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔައިފައެވެ.

ރައީސް މުއިއްޒު މިރޭގެ ޖަލްސާގައި ވަނީ ސިފައިންގެ އެކިއެކި ތަކެތި ހޯދައިދިނީމާ އެކަމާ ލަދުގަންނަންޏާ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު އެބަޖެހޭ ސުވާލު ކޮށްލަން ގައުމީ ލޯބި އޮތީ ކިހާ ހިސާބެއްގައިތޯ ސުވާލު ކުރައްވަވައިފައެވެ.

"ގައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަހުރުވެރިވާން ޖެހޭނެ ދިވެހި ފަހުރުވެރި ސިފައިންނަށް ސަރުކާރުން ހޯދައިދޭ ކޮންމެ ކުރިއެރުމަކަށް،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ސިފައިންގެ ގާބިލިއްޔަތު އިތުރު ކުރުމަށް ވަސީލަތްތައް ގާއިމް ކުރުމަކީ ފަހުރުވެރިކަމާ އެކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އެއީ ލަދުގަންނަން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމާ މަލާމާތް ކުރާ މީހުންނަކީ އަޅުގަނޑު ދެކޭ ގޮތުގައި ގައުމިއްޔަތު ކަމެއް ނެތް ގައުމީ ލޯތްބެއް ނެތް މަވެތި ކަމުގެ އިންތިހާ އަށް ގޮސްފައިވާ ސިޔާސީ ގޮތުން ގައުމު ކޮންމެ ފަދަ ގޮތަކަށް ވެގެން ދިޔަޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ކުރާ ކަމަކީ ގައުމުގެ މިނިވަންކަމާއި ހިމާޔަތަށްޓަކައި އަދި އަންނަން އޮތް ޖީލަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.