ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލާގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އޭނާގެ އަތުން 500,000 އަށް ވުރެ ގިނަ ރުފިޔާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗް މަހު އެވެ. އެ މައްސަލާގައި އޭނާ 15 ދުވަހަށް ބަންދުކުރަން އެންގުމަށްފަހު ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ އެ ދެ މައްސަލާގެ އަޑުއެހުންތައް ފަށައިފަ އެވެ. އެ އަޑުއެހުމުގައި ޝަމްއާންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އެ މައްސަލާގައި ތުހުމަތު ކުރަނީ ކޮރަޕްޝަންގެ އަމަލަކަށް ކަމަށްވާތީ, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ދައުރެއް ނެތި ޝަމްއާން ބަންދުކުރަން ފުލުހުންނަށް ނޭދެވޭނެ ކަމަށެވެ. އަދި އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ހިލާފް ކަމެއް ކަމަށް ވަކީލް ވިދާޅުވި އެވެ.
ދައުލަތުން ބުނިގޮތުގައި ހައްޔަރު ކުރާ މަރުހަލާގައި އޭސީސީގެ ބައިވެރިވުން އޮންނަން ނުޖެހެ އެވެ. އަދި އެ މައްސަލާގައި ޝަމްއާން ހައްޔަރު ކުރުމަށްފަހު އެކަން އޭސީސީއަށް އަންގާފައިވާތީ ބަންދު ކުރުމުގައި އޭސީސީގެ ދައުރެއް ކޮންމެހެން އޮންނަން ނުޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި ޝަމްއާންގެ މައްސަލާގައި ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަން ބޭނުންވާ ކަމަށް އޭސީސީން އަންގާފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވާހަކަ ދެއްކުމަށްފަހު އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުސައިން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝަފީއު އެވެ.
މިއަދުގެ އަޑުއެހުން ކުރިއަށް ދިޔަ ވަގުތު ހައި ކޯޓު ކައިރިއަށް ބަޔަކު އެއްވެ, ޝަމްއާން ދޫކޮށްލަން ގޮވާލައި, އަޑު އުފުލާފައިވެ އެވެ.
އެ މައްސަލާގެ ތުހުމަތު ކުރެވުމާއެކު, ޝަމްއާން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އެ މައްސަލާގައި ޝަމްއާންގެ އިތުރުން އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.