ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާގެ ދަރަންޏަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އެމްޓީސީސީން އެމަނިކުފާނާ ދެކޮޅަށް ކުރި ދައުވާ އެ ކުންފުނިން އަނބުރާ ގެންގޮސްފި އެވެ.

ޑީއާރުޕީން 2007 ވަނަ އަހަރު ހޯދި ހިދުމަތްތަކަށް އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އެ ޕާޓީން ނުދައްކާ އޮއްވާ އެ ޕާޓީ އުވާލުމުން އެމްޓީސީސީން ދައުވާކުރީ ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ ދަރަންޏަށް ޒިންމާވާން ޖެހޭނެ ކަމަށް ބުނެ އެވެ.

ނަމަވެސް ސިވިލް ކޯޓުން ކުރިން ނިންމާފައި އޮތީ އެ ދަރަންޏަށް މައުމޫން ޒިންމާ ނުކުރުވޭނެ ކަމަށެވެ.

އެމްޓީސީސީން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު މިދިޔަ ފެބްރުއަރީ މަހު އެ ކުންފުނިން ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަަމަށް ބުނެ ކޯޓަށް އަންގައިފަ އެވެ. އެހެންވެ، ހައި ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ބާތިލްކޮށްފަ އެވެ.

އެމްޓީސީސީން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މައުމޫންގެ ފަރާތުން އިޖްރާއީ ނުކުތާއެއް ނުކުތާއެެއް ނަގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދޭން ހައި ކޯޓުގައި އެދުނެވެ. ނަމަވެސް ހައި ކޯޓުން އޭރު ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކާ ހެދި މައުމޫން އެ ޕާޓީން ވަކިވެ ވަޑައިގެން، 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދެވިއިރު ޑީއާރުޕީގެ ބޮޑެތި ދަރަނިތަކެއް ހުއްޓެވެ.