އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާ ކުރަން ރައްޔިތުންގެ މަޖިލީހުން އިމިގްރޭޝަން ގާނޫނަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން އިސްލާހު ހުށަހެޅީ އެއްވެސް ހެޔޮ ނިޔަތެއް އެކަމުގައި އޮވެގެން ނޫން ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މި ބިލު މީކާއިލް ހުށަހެޅުއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 29ވަނަ ދުވަހުއެވެ. ބިލު މަޖިލީހަށް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ފޮނުވިއެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައި މިވަނީ ކޮމެޓީގައި ބިލު އޮތްތާ އަހަރު ދުވަސް ވާން ކައިރިވެފައި ވަނިކޮށެވެ.
ކޮމެޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ފަލާހް ވިދާޅުވީ އެމްޑީޕީން އެ ބިިލު ހުށަހެޅުއްވީ ސަރުކާރަށް އެކަން ކުރަން ނުކެރޭނެ ކަމަށް ދެކިގެން ކަމަށެވެ. އެހެންނަމަވެސް ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުން ގައުމަށް ލިބިދާނެ ގެއްލުމަކަށް ނުބަލާ އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު މަޖިލީހުން އެކަން ކޮށްފައި ވާނީ އެއްވެސް ޖެހިލުމެއް ނެތި ކަމަށް ފަލާހް ފާހަގަކުރެއްވިއެވެ.
ބިލު ހުށަހެޅިއިރު އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތެވެ. ނަމަވެސް އިޒްރޭލު ޕާސްޕޯޓު މަނާކުރަން ހަމައެކަނި ނިންމީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށެވެ.
މީގެއިތުރުން ވެސް އިޒްރޭލު ޕާސްޕޯޓާ އެކު އެހެން ގައުމުތަކުގެ ޕާސްޕޯޓު އޮންނަ ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ރާއްޖެ އެތެރެވެވޭނެ ކަމަށްވެސް ބިލުގައިވެއެވެ. މީގެއިތުރުން އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ނިންމީ ފަލަސްތީނަށް މިހާރު ދެމުން ގެންދާ ހަމަލާތައް ހުއްޓާލަންދެނެވެ.
އެކަމާއި ގުޅިގެން ފަލާހް ވިދާޅުވީ އެގޮތަށް ނިންމީ ވެސް ވަރަށް ގިނަ ގޮތް ގޮތުން މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ފަލާހް ތުހުމަތު ކުރެއްވި ގޮތުގައި މާދަމާ ވެސް ސަރުކާރު ބަދަލުވެއްޖެ ނަމަ އެމްޑީޕީގެ ސަރުކާރުން އިޒްރޭލު މީހުން ރާއްޖެ އެތެރެވުމަށް ހުއްދަ ދޭނެއެވެ.
މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ރައްޔިތުން މަޖިލީހުން މިއަދު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ވެސް ކުރައްވަވައިފައެވެ.