ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

ވީއައިއޭގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެންމެ ފުރަތަމަ ބާއްވާފައިވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެކެވެ. ވީއައިއޭގައި އޮތް އެ ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން ބައެއް ސްޓޭކްހޯލްޑަރުން ބައިވެރިވިއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަރީފް ވަނީ އެއާޕޯޓުގެ ތަރައްގީއަށްޓަކައި ސަރުކާރުންނާއި އަދި ވަކިން ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެއާޕޯޓުގެ ތަރައްގީއަށްޓަކައި ވަރަށް މުހިއްމު ބޮޑެތި މަޝްރޫއުތައް ހިނގަމުންދާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ކޮންޓްރެކްޓަރުން ނިންމާނީ ފެސިލިޓީސް ކަމަށާއި އެތަންތަން އޮޕަރޭޝަނަލައިޒްކޮށް، ގައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބީ މުވައްޒަފުން ކަމަށެވެ.

އެގޮތުން އެއާޕޯޓުގެ މުވައްޒަފުންނަކީ އަބަދުވެސް ގައުމަށްޓަކައި އަގުހުރި ހިދުމަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވައި އެކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

އެއާޕޯޓުގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ހިދުމަތްތައް ވަރަށް ބޮޑަށް ތަރައްގީވެގެންދާނެ އަހަރެއްކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ ސްޓޭކް ހޯލްޑަރުންނާއި، ފަސިންޖަރުން އުފާވާ ފަދަ ހިދުމަތްތަކެއް އެއާޕޯޓުން ދޭން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެމްއޭސީއެލްގެ އެމްޑީ ޝަރީފް ވީއައިއޭއަށް 59 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ: ފޮޓޯ | އެމްއޭސީއެލް

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހުގެ މުނާސަބަތުގައި 59 ފޫޓުގެ ކޭކެއް ވަނީ ފަޅާފައެވެ. އަދި އެކުވެރިކަމުގެ ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ.

ވީއައިއޭގެ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ކުރިޔަށް އޮތް ދުވަސްތަކުގައި މުވައްޒަފުންނަށް ހާއްސަ ގާލާ ނައިޓަކާއި، ވަން-ޑޭ ހޭންޑްބޯލް މުބާރާތެއްވެސް ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފައެވެ.