ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި، އެ މައްސަލައަށް ހައްލު ހޯއްދެވުމުގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާ ކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ގައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާއިރު، ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަރިވަރުން އެދޭކަން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެ މައްސަލައަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވައިގެން، އެކަމުގެ މަސައްކަތްތައް މިހާރުވެސް ފެށިގެން ކުރިއަށް ދާ ކަމުގައި ރައީސް ވިދާޅުވިއެވެ. އެ މަސައްކަތްތައް ކުރިއަށް ދަނީ ގަވަރުނަރުގެ މަޝްވަރާއާ އެކުގައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އެހެންވެ އަޅުގަނޑު މިހާރު ފިނޭންސް މިނިސްޓަރަށް ދަންނަވާފައިވާނީ މިކަމުގައި ރަނގަޅު ހައްލެއް ގެނައުމަށް މަސައްކަތް ފައްޓަވާށޭ.. ފިނޭންސް މިނިސްޓަރު ގަވަރުނަރާ މަޝްވަރާ ކުރައްވަން ފައްޓަވައިފި،" ރައީސް ވިދާޅުވިއެވެ.
ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނީ، ރާއްޖޭގެ ބާޒާރަށްވެސް އެ ކަމުން ނުރަނގަޅު އަސަރެއް ނުފޯރާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ލިބި، އެ ފައިސާ ބޭނުން ކުރެވެން ވާނީ އެ ދަރިވަރަކު ކިޔަވަމުންދާ ގައުމެއްގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ގައުމުން ބޭރުގައި، ލޯނު ސްކީމުގެދަށުން މި ވަގުތުވެސް 1600 އަށް ވުރެ ގިނަ، ދިވެހި ދަރިވަރުން ދަނީ މަތީ ތައުލީމު ހާސިލު ކުރަމުންނެވެ.