ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ ނުދައްކާ ހުރި ގިނަ އަދަދެއްގެ ފައިސާ ހޯދައިފިއެވެ.

މިކަން ހާމަ ކުރެއްވީ ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމެވެ.

ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ ނުދައްކާ ހުރި 7،500 ފަރާތެއް އެކްސްޕެޓް ސިސްޓަމް ބޭނުން ނުކުރެވޭ ގޮތަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސަސްޕެންޑު ވެސް ކުރިއެވެ.

މިކަމުގެ ފަހުގެ މައުލޫމާތު ދެއްވަމުން މަޖީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ބިދޭސީންނާއި ގުޅޭ އެކިއެކި ފީތަކަށް 1.7 ބިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށެވެ. ނަމަވެސް އެ ކަންކަން މި ސަރުކާރުން ވަރަށް ގާތުން ބަލަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަވާއިދުން ފީތައް ދައްކަމުން ދިޔައީ ގާތްގަނޑަކަށް 23 އަށް ޕަސެންޓު މީހުންނެވެ. ފައިސާ ނުދައްކާ ކުންފުނިތަކުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭ ކުންފުނިތައް ވެސް ހިމެނެއެވެ. އެފަރާތްތަކަށް ފައިސާ ދެއްކުމަށް ބަހާލައިގެން ފައިސާ ދެއްކޭނެ ޕްލޭންތަކެއް ކަނޑައެޅިއެވެ.

ހޯމް ލޭންޑް މިނިސްޓްރީން ވަނީ ބަހާލައިގެން ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ތަނަވަސް ކޮށްދީފައެވެ. އެގޮތަށް ފައިސާ ދެއްކުމަށް 3،692 ފަރާތަކުން އޭރު ވަނީ އެދިފައެވެ.

މަޖީދު ވިދާޅުވީ އެހެން އަހަރުތަކާއި ހިލާފަށް މިހާރު ގިނަ ކުންފުނިތަކަކުން ފައިސާ ދައްކައެވެ. އެގޮތުން މިހާރު 55 ޕަސެންޓު ކުންފުނިތަކުން ބިދޭސީންނާއި ގުޅޭ ފީތައް ސަރުކާރަށް އަންނަނީ ދައްކަމުންނެވެ.

އޭނާ ވިދާޅުވީ ލިބެން ޖެހޭ ފައިސާ ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް 1.6 ބިލިއަން ރުފިޔާ ހޯދިފައިވާ ކަމަށެވެ. އަދިވެސް 900 މިލިއަނެއްހާ ރުފިޔާ ނުލިބޭ ކަމަށާއި އެފައިސާ ދައްކަން ކުންފުނިތަކަށް މިއަހަރުގެ އޮކްޓޫބަރު މަހާއި ހަމައަށް ފުރުސަތު ދީފައިވާނެ ކަމަށް މަޖީދު ވިދާޅުވިއެވެ.

ރާއްޖެ އަށް ވަޒީފާ އަދާ ކުރުމަށް ގެންނަ ބިދޭސީންގެ ކޯޓާ ފީ އާއި ވާކް ޕާމިޓް ފީ ނުދައްކާ ކުންފުނިތަކުގެ ލިސްޓު އާއްމު ކުރުމުން އޭގައި ހިމެނޭ ބައެއް ކުންފުނިތަކުން ފައިސާ ދެއްކިއެވެ. ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާއްމު ކުރުމުން 182 މިލިއަން ރުފިޔާ ދެއްކި ކަމަށް ހޯމް ލޭންޑް މިނިސްޓްރީން އޭރު ބުންޏެވެ.