މިޔަންމާއަށް މިއަދު އައި ބާރުގަދަ ދެ ބިންލުމެއްގައި މިޔަންމާ އަދި ތައިލެންޑްގެ ގިނަ އަދަދެއްގެ އިމާރާތްތަކެއް ވެއްޓި، އެތައް ބަޔަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ އަދަދު 150 ވުރެ ގިނައެވެ.
މިއަދުގެ ފުރަތަމަ ބިން ހެލުން އައިސްފައިވަނީ ވެރިރަށް މަންޑަލޭ ސަރަހައްދަށެވެ. މިއީ ރިކްޓަރ މިންގަނޑުން 7.7 މެގްނިޓިއުޑްގެ ބިންހެލުމެއްކަމަށް ޔޫ.އެސް. ޖިއޮލޮޖިކަލް ސަރވޭއިން ބުނެއެވެ. އަދި މި ބިންހެލުމާއެކު އައި 6.4 މެގްނިޓިއުޑްގެ އާފްޓަރޝޮކް އައީ ހުޅަނގު އުތުރުގައި އޮންނަ ސަގައިންގެ 10 ކިލޯމީޓަރު އަޑިއަށް ކަމަށް ޔޫ.އެސް ޖިއޮލޮޖިކަލް ސަރވޭއިން ބުންޏެވެ. ދެ ވަނަޔައަށް އައި ބިންހެލުމުގައި މިޔަންމާގައި ހުރި މިސްކިތެއްވެސް ބިމާ ހަމަވިއެވެ.
އިތުރު އިމާރާތްތަކެއް ވެސް މިޔަންމާގައި ވެއްޓުނުއިރު، މި އިމާރާތްތަކުގެ ދަށުން ވެގެން ގިނަ ބަޔަކު މަރުވިއެވެ. އެ ގައުމުގެ އަސްކަރީ ސަރުކާރުން އަންދާޒާކުރާ ގޮތުގައި އެތައް ސަތޭކަ ބަޔަކު މަރުވިއެވެ.
މިޔަންމާއަކީ އާއްމުކޮށް ބާރުގަދަ ބިންހެލުންތައް އަންނަ ގައުމެކެވެ.
މި ބިންހެލުމާއި ގުޅިގެން އަވަށްޓެރި ތައިލެންޑަށްވެސް ލޮޅުމުގެ އަސަރު ކުރިއެވެ. އަދި ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި އިމާރާތްކުރަމުން ދިޔަ 30 ބުރީގެ ބިލްޑިންއެއް ވެއްޓި، 3 މީހަކު މަރުވިއެވެ. ވެއްޓުނު އިމާރާތުގެ ދަށުގައި ސަތޭކައާއި ގާތްކުރާ އަދަދަކަށް މީހުން ތާށިވެފައި ތިބިކަމަށް ބެލެވެއެވެ. ބިންހެލުމާއި ގުޅިގެން ބެންކޮކްގައި ރޭލުގެ ޚިދުމަތްވެސް ހޮނިހިރު ދުވަހާއި ހަމަޔަށް ވަނީ މެދުކަނޑާލާފައެވެ.
ބިންހެލުމާއި ގުޅިގެން ތައިލެންޑާއި މިޔަންމާގައިވެސް ކުއްލި ހާލަތު ވަނީ އިއުލާންކޮށްފައެވެ.