ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
މިދިޔަ ހަފުތާގައި ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބިދޭސީއެއްގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތުކޮށެވެ. އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އަދި އެ މައްސަލާގައި އިތުރު ބަޔަކު ފުރުން މަނާކޮށް އަދި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ހިފަހައްޓައިފަ އެވެ.
އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ޝަމްއާންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފައިސާ އަތުލުމަށްފަހު ދޫކޮށްލާފައިވަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެސްޓްހައުސްއަކުން އަތުލައިގަތް ބިދޭސީއެކެވެ. އަދި ފައިސާ ހޯދާފައިވަނީ އޭނާ ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ ތިން މުވައްޒަފަކު އެ މީހާއާ މަގުމަތިން ބައްދަލު ކުރުމަށްފަހު ކަމަށާއި އަދި އެ ފައިސާ ހިފައިގެން ގޮސްފައިވަނީ ޝަމްއާންގެ ގެއަށް ކަމަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލާގައި ޝަމްއާންގެ ގެ ފާސްކޮށް, އެގެއިން ފައިސާތަކެއް ފުލުހުން ގެންގޮސްފައިވެ އެވެ.