ކުރީގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން ސިވިލް ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމު އަދާކުރެއްވި ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން 2020 ވަނަ އަހަރު ސިވިލް ކޯޓުން އިމިގްރޭޝަންގެ މައްޗަށް އަމުރުކުރީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ އަންގާރަ ދުވަހު އިއްވި ހުކުމުގައިވަނީ ހުކުމް ތަންފީޒު ކުރުމުގެ ގަވާއިދުގެ ދަށުން ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ކުރުމުގެ ނެރެވުނު ނަމަވެސް ޕާސްޕޯޓް ކެންސަލް ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިނުވާ ކަމަށެވެ.
އެ އަމުރު ބާތިލްކުރަން ހައި ކޯޓުން ނިންމީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިއްތިފާގުންނެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން 2022 ވަނަ އަހަރު ފުރަތަމަ އެ ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައިސިއްޔަތު ދައުލަތަށް ނެތް ކަމަށެވެ.
ނަމަވެސް 2023 ވަަނަ އަހަރު ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ހައި ކޯޓުން ބަލަން ޖެހޭނެ ކަމަށެވެ.