ކުރިޔަށް އޮތް ރަމަޟާން މަހު ސަރުކާރުން ހިލޭ ބަހާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބަހަމުން ގެންދާނީ ރޭގަނޑުގެ ވަގުތުގައި ކަމަށާއި ކިއު ކުޑަ ކުރުމަށް އޮންލައިންކޮށް ޓޯކަން ނެގޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 20:00ގައެވެ. މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި މަސްދަޅު ކޭސް ދޫކުރަން ފެށިއިރު ގިނަ އަދަދެއްގެ ބަޔަކު ކިއޫގައި ޖެހުނެވެ. އަދި އެތައް ބަޔަކު އެކަމާ ހިތްހަމަނުޖެހި ޝަކުވާތައް ކުރިއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް އިން މިއަދު ބުނީ މަސްދަޅު ކޭސް ހޯދުމަށް އޮންލައިންކޮށް ޓޯކަން ނެގޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށެވެ. މި ނިޒާމުގެ ތެރެއިން ވަކި ރެއަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެއެއްގައި އެ މަރުކަޒުން އެ ބޭފުޅަކަށް މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ބުންޏެވެ.
ޓޯކަން ދޫކުރުމަށް ހަމަޖެހިފައި ވަނީ އެކި ސަރަހައްދުތަކަށް އެކި މިންވަރަށް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވާތީ ދުވާލުގެ ވަގުތުތަކުގައި މަސްދަޅު ކޭސްތައް ނުބަހާނެ ކަމަށާއި މަސްދަޅު ކޭސްތައް ބަހަން ފަށާނީ ރޭގަނޑުގެ ވަގުތު ކަމަށްވެސް ބުންޏެވެ. އެއީ ރޭގަނޑު 20:00 އިން 00:00 އަށެވެ.
މަސްދަޅު ދޫކުރާ ތަންތަނާއި ޓޯކަން ދޫކުރާ އަދަދު:
- މިފްކޯ މައި އިމާރާތް- 200 ޓޯކަން
- އެމްޓީސީސީ ސޯމިލް- 200 ޓޯކަން
- ހެންވޭރު ދަނޑު- 100 ޓޯކަން
- ގަލޮޅު ދަނޑު (ސެޓަޕް 1) 50 ޓޯކަން
- ގަލޮޅު ދަނޑު (ސެޓަޕް 2) 50 ޓޯކަން
- ގަލޮޅު ދަނޑު (ސެޓަޕް 3) 50 ޓޯކަން
- ގަލޮޅު ދަނޑު (ސެޓަޕް 4) 50 ޓޯކަން
- ސޯޝަލް ސެންޓަރު- 100 ޓޯކަން
- ވިލިމާލެ، ވެމްކޯ ސައިޓް- 100 ޓޯކަން
- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގް- 100 ޓޯކަން
- ހުޅުމާލެ، ޕޮލްކޯ ޓަވަރު (ސީ ބްލޮކް) 100 ޓޯކަން
- ހުޅުމާލެ ހިޔާ ޓަވަރު 10- 100 ޓޯކަން
- ހުޅުމާލެ، ކާމިލް ދީދީ ޕްރީ ސްކޫލް- 100 ޓޯކަން
މަސްދަޅު ކޭސްތައް ބަލައި ދާއިރު އެއް މަހުގެ ކަރަންޓު ބިލާއި އައިޑީކާޑު ގެންދަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެކަކަށް ގިނަ ވެގެން ދޫކުރާނީ ތިން މީޓަރަށް ތިން މަސްދަޅު ކޭހެވެ.
މިނިސްޓަރު އޮފް ސިޓީސް ލޯކަލް ގަވަރުމަންޓް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި އިއްޔެ ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެކަނިވެސް މާލޭ ސަރަހައްދުގައި 9،394 މަސްދަޅު ކޭސް ބަހާފައިވާ ކަމަށެވެ.