ރަސްފަންނު މަރާމާތު ކުރުމަށް ފަހު ދެން އެ ތަން ވީރަނަވާން ދޫކޮށް ނުލައްވާނެ ކަމަށާއި ދެން ރަސްފަންނު ބަލަހައްޓަމުން ދާނީ މާލެ ސިޓީ ކައުންސިލް އިދާރާއިން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ، އީގަލްސް ކޮމިއުނިޓީން-އެންމެން އެކުގައި ސާފްކުރުމުގެ ހަރަކާތް ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރު ވިދާޅުވީ، މަސައްކަތް ފަށާތާ ދެ ތިން މަސް ދުވަހުގެ ތެރޭގައި، ރަސްފަންނުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ. އަދި މަސައްކަތް ނިމޭއިރު ރަނގަޅު ފެންވަރެއްގައި ތަން ހެދި ބީޗާއި ހަޓުތައް ވެސް ރީތި ވެގެން ދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"އެކަމުގެ އުފާވެރި ހަބަރު ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދެން. މާލެ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއާލާ ދެނެގަނެ، އެ ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން" މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ، ރަސްފަންނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ދޫކޮށްފައި ކަމަށާއި އެ މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރު މި ހަފްތާގެ ތެރޭގައި އެ ތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނެ ކަމަށެވެ.

ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން، އެ ކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެ ފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ބާޠިލްކޮށްފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. އަދި މީގެ ފަހުން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ، ސީދާ މާލެ ސިޓީ ކައުންސިލުންކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު މިފަދައިން ވިދާޅުވެފައި މިވަނީ، ރަސްފަންނާ ސަލްޓަން ޕާކުގެ ހާލަތު އޮތް ގޮތުން ހިތާމަ ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އެ ދެތަން ވެސް ދަނީ ވީރާނާވަމުން ކަމަށެވެ. އަދި ވިދާޅުވީ އެ ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން، ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.