ރަސްފަނާއި ސަލްޓަން ޕާކު އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން މިފަދައިން ބުނެފައި މިވަނީ ރަސްފަންނާ ސަލްޓަން ޕާކުގެ ހާލަތު އޮތް ގޮތުން ހިތާމަ ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އެ ދެތަން ވެސް ދަނީ ވީރާނާވަމުން ކަމަށެވެ. އަދި ވިދާޅުވީ އެ ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން، ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.
ސިޓީ ކައުންސިލުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރި ސަލްޓަން ޕާކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ. 2016 ވަނަ އަހަރު ހުޅުވުނު ސަލްޓަން ޕާކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ހެދުމަށްފަހު، އެތަން އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އާއްމުކޮށް އިއުލާން ކޮށްފައި ވާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ސަލްޓަން ޕާކު ހުޅުވުނު ފަހުން އެތަނަކީ އެއްވެސް މަރާމާތެއް ނުކުރެވި، އެތަނުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި ރަސްފަންނުގެ މަރާމާތުގެ މަސައްކަތަށް ބަލާއިރު، އެތަނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދޫކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
"މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރު އަންނަ ހަފްތާގެ ތެރޭގައި އެތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނެ ކަމަށް ވަނީ އަންގާފައެވެ. ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ވަނީ ބާތިލުކުރެވިފައެވެ. އަދި މީގެ ފަހުން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ މިއިދާރާއިންނެވެ،" ސިޓީ ކައުންސިލުން ބުންޏެވެ.
ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި އޮންނަނީ އެމްޓީސީސީއާއެވެ. އެކަމަކު ސިޓީ ކައުންސިލާ އެ ކުންފުންޏާއި ދެމެދު ދެބަސްވުންތަކެއް އުފެދި އެ މަސައްކަތް އެމްޓީސީސީން ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.
ރަސްފަންނާ ސަލްޓަން ޕާކު ތަރައްގީކޮށް ހުޅުވާފައި ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެ ދެ ތަން ހަދާފައި ވަނީ އޭރުގެ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. ހައުސިން މިނިސްޓަރަކަށް އޭރު ހުންނެވީ ރައީސް މުއިއްޒެވެ.