ހަތަރުވަނަ ކުއާޓަރުގައި ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އަށް 3.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެސްޓީއޯ އިން ބުނީ މިއީ މީގެ ކުރީ ކުއާޓާރާއި އަޅާ ބަލާއިރު ހަތް ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. އެކުންފުނިން ބުނީ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ އެ ކުންފުނިން ކުރަމުންގެންދާ ވިޔަފާރިތައް ރަގަޅުވެ އާމްދަނީ އިތުރުވުން ކަމަށެވެ. މިއާއިއެކު ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 8 ޕަސެންޓު އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 637 މިލިއަން ރުފިޔާ ލިބިފައެވެ.
އެ ކުންފުނީގެ 2024 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 15 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ، މީގެ ކުރީ އަހަރާއި އަޅާބަލައި ހަ ޕަސެންޓުގެ ދަށްވުމެކެވެ.
އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއިއެކު އެ ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާއިއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އާމްދަނީ ދަށްވުމާއިއެކު، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 12 ޕަސެންޓުގެ ދަށްވުމެކެވެ. އެ ކުންފުނީގެ ހިންގުމުގެ ހަރަދު ވަނީ 2024 ވަނަ އަހަރު އޭގެ ކުރީ އަހަރާއި އަޅާބަލައި 8 ޕަސެންޓު ދަށްކުރެވިފައެވެ. އެހެންނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއިއެކު ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ.
އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރުގެ ޖުމްލަ ފައިދާ ރަގަޅު ވުމާއިއެކު ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ވަނީ 218 މިލިއަން ރުފިޔާ ލިބިފައެވެ.
މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 812 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 19 ޕަސެންޓުގެ ދަށްވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފުފައިދާގެ ގޮތުގައި ވަނީ 717 މިލިއަން ރުފިޔާ ލިބިފައެވެ.