ރާއްޖޭގެ ބާޒާރުގައި މަކިޓާ ބްރޭންޑުގެ "ފޭކް" ބާވަތްތަކެއް ވިއްކަމުން އަންނާތީ އެ ބްރޭންޑުގެ ތަކެތި ގަންނަ ފަރާތްތަކުން ސަމާލުވުމަށް، ރާއްޖޭގައި މަކިޓާ ބްރޭންޑުގެ ބާވަތްތައް ވިއްކުމުގެ އެކްސްލޫސިވް އޮންނަ އެސްޓީއޯ އިން ބުނެފިއެވެ.
ދިވެހިރާއްޖޭގައި "މަކިޓާ" ބްރޭންޑުގެ އުފެއްދުންތަކުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ. އެސްޓީއޯ އިން އެ ބްރޭންޑުގެ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ، ފެންވަރު ރަނގަޅު އޮރިޖިނަލް އުފެއްދުންތައް ރާއްޖެ އެތެރެކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.
އެކި ގޮތްގޮތަށް "މަކިޓާ" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވެފައިވާއިރު، ބާޒާރުގައި ނަކަލު ނުވަތަ ފޭކް އުފެއްދުންތައް ދައުރުވަމުންދާކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުންޏެވެ.
އެކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނީ އެގޮތަށް ދައުރުވަމުންދާ އަސްލު ނޫން އުފެއްދުންތަކަކީ ކަސްޓަމަރުންނަށް އޭގެ ބޭނުން އެދެވޭ ގޮތުގައި ހިފޭނެކަމުގެ ޔަގީންކަން ނެތް، ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް އުފެއްދުންތަކެއް ކަމަށެވެ. އެހެންކަމުން ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް އުފެއްދުންތައް ގަތުމުގެ ކުރިން އެ އުފެއްދުންތަކަކީ އޮރިޖިނަލް އުފެއްދުންތައްކަން ކަށަވަރުކުރުމަށްފަހު ނޫނީ ނުގަތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެސްޓީއޯގެ އައުޓްލެޓްތަކުން އަދި އެސްޓީއޯ އިން ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް "މަކިޓާ" ބްރޭންޑުގެ އޮރިޖިނަލް އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާއިރު، އެ ބްރޭންޑުގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް، އެސްޓީއޯ ސާވިސް ސެންޓަރުން އާފްޓާ ސޭލްސް ހިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯ އިން ނުވަތަ އެސްޓީއޯގެ ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ގަންނަ މަކިޓާ ބްރޭންޑުގެ އުފެއްދުންތަކަށް އެކަންޏެވެ.
"އެހެންކަމުން، "މަކިޓާ" ބްރޭންޑުގެ ނަކަލު "ފޭކް" އުފެއްދުންތަކާމެދު ސަމާލުވުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ. އަދި "މަކިޓާ" ބްރޭންޑުގެ އުފެއްދުންތަކުގެ އަސްލުކަން ކަށަވަރުކުރުމަށް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، އެސްޓީއޯ "މަކިޓާ" ޝޯރޫމަށް ވަޑައިގެންދެއްވުން އެދެމެވެ" އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ "މަކިޓާ" ބްރޭންޑުގެ އަސްލު އުފެއްދުންތަކާއި ފެންވަރު ރަނގަޅު ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި އެކުންފުނިން ދެމި އޮންނާނެ ކަމަށެވެ.