ތަރައްގީގައި އާބާދީއަށް ބެލުމެއް ނެތި ހުރިހާ ރަށެއް ވެސް ހަމަހަމަ ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅުގެ 10 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މޮޅަދޫ އަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަށެއްގައި އާބާދީ މަދުނަމަވެސް، ތަރައްގީ ގެނައުމުގައި އެފަދަ ރަށްތަކަކީ އާބާދީ ބޮޑެތި ރަށްތަކާއި އެއްހަމަ ވާނެ ރަށްތަކެއް ކަމަށެވެ.
އާބާދީ މަދު ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް އާބާދީ ބޮޑެތި ރަށްތަކުގެ ރައްޔިތުންނަށް ލިބެމުން އަންނަ ހުރިހާ ހައްގުތަކާއި ހިދުމަތްތައް ލިބުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވިއެވެ.
"އަޅުގަނޑު އަބަދުވެސް ދަންނަވަމުންދާ ވާހަކައެއް އެއީ. އަޅުގަނޑަށް ހަމަ ހަގީގަތުގަވެސް ކޮންމެ ރައްޔިތެއް ހަމަހަމަ. އެއީ މިގޮތަށް އާބާދީގެ ގޮތުން ކުޑަރަށެއް ކަމުގައިވިޔަސް އަދި އެންމެ ބޮޑެތި އާބާދީތައް ކަމުގައިވިޔަސް ދިވެހި ރައްޔިތުން އަޅުގަނޑަށް ވަނީ ހަމަހަމަ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ މޮޅަދޫ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހުއްޓިފައިވާ ފެނާ ނަރުދަމާގެ މަސައްކަތް ނިންމައި ދެއްވަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ މަސައްކަތަކީ 2021ވަނަ އަހަރު ފަށާފައިވާ މަސައްކަތެކެވެ. ނަމަވެސް އެ މަސައްކަތް މިހާރު އޮތީ ބައެއް ސަބަބުތަކާއި ހުރެ މަޑުޖެހިފައެވެ.