އައިޖީއެމްއެޗްގައި މަސައްކަތްކުރި ބިދޭސީ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި ނަމަވެސް އޭނާ އެންމެ ފަހަރަކު ގެއިން ބޭރަށް ނިކުންނަން ވެސް ފުލުހުން ހުއްދަ ދީފައި ނުވާ ކަމަށް އޭނާގެ ވަކީލް ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އޮކްޓޫބަރު, 2021 ގައި ފިލިޕީންސަށް ނިސްބަތްވާ މޭރީ މަރާލި މައްސަލާގައި ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގެ ދައުވާ އެވެ. ދައުލަތުން ބުނަނީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ތެރޭގައި މޭރީ މަރާލި ކަމަށެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ވަނީ ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ލަމްހާގެ މައްޗަށް އެކަށީގެންވާ ހެކި ލިބިފައިވާއިރު, ލަމްހާ ބަންދުކުރީ މުޖްތަމައުގެ ސަލާމަތަށް ނުރައްކާ ހުރި މީހެއް ކަމަށްވާތީ ކަމަށް ދައުލަތުން ބުންޏެވެ. އަދި ލަމްހާގެ ބަންދުކުރި ހާލަތު އަދިވެސް ބަދަލު ވެފައިނުވާ ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން އެދުނީ ދަށު ކޯޓުން އަލުން ބަންދާ މެދު ގޮތެއް ނިންމަންދެން އޭނާ ބަންދުކުރަން ހައި ކޯޓުން އަމުރުކޮށް ދިނުމަށެވެ.
ލަމްހާގެ ވަކީލް ވިދާޅުވީ ކޯޓުން ލަމްހާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު ކަމަށާއި އަދި އޭނާގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި އޭނާ ދޫކޮށްލާފައިވަނީ ފުލުހުންގެ ހުއްދަ ނުލިބެނީސް ގެއިން ނުނިކުތުމަށް ޝަރުތު ކުރުމަށްފަހު ކަމަށް ވާއިރު, މިހާތަނަށް ގެއިން ބޭރަށް ދާން އެދުނީ އެންމެ ފަހަރަކު ކަމަށާއި އެފަހަރު ވެސް ފުލުހުން އެކަމަށް ހުއްދަ ނުދިން ކަމަށް ވަކީލް ވިދާޅުވި އެވެ.
އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލާފައިވާތީ ދެން އޮންނާނީ ހުކުމް އިއްވުމެވެ.