މި އަހަރު 18 އަހަރު ފުރޭ ހުރިހާ ކުދިން ސިޔާސީ ޕާޓީއަކަށް ވައްދަން ހޯމް މިނިސްޓަރު އަލީ އިހުސާން މަސައްކަތް ކުރައްވަމުން ގެންދަވާ ވާހަކަ އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.

އެ ތުހުމަތު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) އެވެ. އެކްސްގައި އިބްރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަހަރު 18 އަހަރުފުރޭ ކުދިންގެ މައުލޫމާތު ޑީއެންއާރް އިން ހޯދާ މިނިސްޓަރު އިހުސާނުގެ ބެލުމުގެ ދަށުން އެކުދިންގެ ނަމުގައި މިހާރު ފޯމްތައް ފުރާ 18 އަހަރު ވުމުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަން ތައްޔާރުކޮށް ޕީއެންސީ އޮފީހުގައި ހުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އިބްރޭ އަށް ރައްދު ދެއްވާ މިނިސްޓަރު އިހުސާން ވަނީ އެމްޑީޕީގެ ވެރިކަމުގައި އެކަން އެގޮތަށް ކުރެއްވުމަށް ވިސްނެވިންތޯ ސުވާލު ކުރައްވައިފައެވެ.

"ހަމަ ޔަގީނުންވެސް އަޅުގަނޑު މިހާތަނަށް ހިޔާލަށްވެސް ނުގެންނަ ކަމެއްގެ ވާހަކަ ތިޔަ ވިދާޅުވީ. ތިބޭފުޅުން ތި ދައްކަވާ ކޮންމެ ދޮގު ވާހަކައަކަށް ޖަވާބުދޭނެ ވަގުތު ނުވަތަ ފުރުސަތު އެމީހަކަށް ނުލިބިވެސް ދާނެ،" އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީހުންގެ ބޮލުގަ އެފަދަ ބޮޑެތި ދޮގު ހަދައިގެން ކަންކަން އެޅުވުމަށްވުރެ އެމްޑީޕީގެ ސިޔާސަތުތަކުގެ ރަނގަޅު ވާހަކަ ދެއްކެވުމަށް ވަގުތު ހޭދަކުރުން ރަނގަޅުވާނެ ކަމަށެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް އެޕާޓީން ހުށަހަޅާފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ވަގު ފޯމު ހުށަހަޅައިގެން ޕާޓީތަކަށް މެންބަރުން އިތުރު ކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށް މިދިޔަ ހޯމަ ދުވަހު ފެންމަތިވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ޕީއެންސީއަށް ވައްދާފައިވާ މައްސަލައެވެ.

ޕީއެންސީން ބުނީ އެޕާޓީއަށް މެންބަރުން އިތުރު ކުރުމަށް، ކުރާ މަސައްކަތުގައި އެޕާޓީއަށް ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ބެލުމުގެ ގާބިލް ކަމެއް ޕާޓީގައި ނެތް ކަމަށެވެ.