ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނު ކުރުމުން، ބާރުގެ ބޭނުންކުރުމުގެ ތެރޭގައި ޒަހަމްވި ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު، 32، ދަންޖެހިފައި ހުއްޓާ ފެނިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މައްސަލާގައި ދެ ފުލުހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)ގައި އެދިއްޖެއެވެ.

ޕީޖީ އަށް އެޗްއާރްސީއެމް އިން ތިން ފަހަރެއްގެ މަތިން އެ މައްސަލަ ފޮނުވިއެވެ. އެންމެ ފަހުން އެ މައްސަލަ އެޗްއާރްސީއެމް އިން ޕީޖީ އަށް ފޮނުވީ މިދިޔަ މަހުގެ 19ވަނަ ދުވަހުއެވެ. ނަމަވެސް އެ ހުރިހާ ފަހަރެއްގައިވެސް އިތުރަށް ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހޭކަން އެޗްއާރްސީއެމްއަށް އަންގައި، ޕީޖީން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.

އަތުހަރުގެ މަރުގެ މައްސަލަ އެޗްއާރްސީއެމް އިން ބަލަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

އެ މައްސަލާގައި އެޗްއާރްސީއެމް އިން ބަލަނީ ފުލުހުންގެ ބެލުމުގެ ދަށަށް އަތުހަރު ގެންދިއުމަށް މަސައްކަތްކުރުމުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިސަރުން ބާރުގެ ބޭނުންކޮށްފައިވާ ގޮތާއި، އެ ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ފަރާތްތަކަށް އެރޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައިވާ ގޮތާއި އަދި އެ ހާދިސާގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް އާދަމް އަތުހަރު ގެންދިއުމަށްފަހު އޭނާއަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލު ކޮށްފައިވާ ގޮތް ހާދިސާ ހިނގި ރެއިން ފެށިގެން ބަލަމުން އަންނަ ކަމަށެވެ.

މީގެއިތުރުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި އަތުހަރު ހުއްޓާ އަމިއްލައަށް މަރުވާން އަތުހަރު އުޅުނު ހާދިސާއާ ގުޅޭ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެ ކޮމިޝަނުގެ ސަމާލުކަމަށް ގެނައި ވަގުތުން ފެށިގެން ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ހަރަކާތްތެރިވެ އެކަމާ ގުޅުންހުރި މައުލޫމާތުތައް އެއްކޮށް އެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

ހަމަ އެހެންމެ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި ހުއްޓާ އަތުހަރު މަރުވި މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ވެސް ބަލަމުން އަންނަ ކަމަށް ބުންޏެވެ.