އިނގިރޭސި ރަސްގެފާނު ޗާލްސްގެ ކޮއްކޯފުޅު، ޕްރިންސް އެންޑްރޫގެ ގާތް ރައްޓެސަކު، ގައުމީ ސަލާމަތަށްޓަކައި އިނގިރޭސިވިލާތަށް ވަނުން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން މަނާކޮށްފިއެވެ.
ޕްރިންސް އެންޑްރޫއާއެކު އޮންނަ ގާތްގުޅުމުގެ ބޭނުންކޮށްގެން ޗައިނާއަށް ޖާސޫސުކޮށްދޭކަމުގެ ތުހުމަތު އިނގިރޭސިން ކުރަނީ ޗައިނާގެ ވިޔަފާރިވެރިއަކަށެވެ. އޭނާއަށް ކަމާ ބެހޭ ފަރާތްތަކުން ދީފައިވާ ކޯޑަކީ އެޗް-6 އެވެ. އޭނާއާއި ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކޮށްފައިވަނީ 2021 ވަނަ އަހަރު އިނގިރޭސިވިލާތަށް އޭނާ އެތެރެވިއިރު ހުއްޓުވައި، އަތުގައި ހުރި ޑިވައިސްތައް ބަލާ ފާސްކުރުމުން ފެނުނު ހެކިތަކެވެ. އެގޮތުން ޕްރިންސް އެންޑްރޫއާއެކު އޭނާ ފޯނުން ވާހަކަ ދެއްކި ފަހަރަކު، ވާހަކަ ދެއްކުމަށް ތައްޔާރުކޮށްފައިވާ ޓޯކިން ޕްއިންޓްސްވެސް ވަނީ ފެނިފައެވެ.
އެޗް-6 އިނގިރޭސިވިލާތަށް ވަނުން އެންމެ ފުރަތަމަ މަނާކުރީ 2023 ވަނަ އަހަރު، ކޮންޒަވޭޓިވް ސަރުކާރުގައި، ސުއެލާ ބްރެވަމަންގެ ދާޚިލީ ވަޒީރުކަމުގައެވެ. އޭނާ އަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރަން އިމިގްރޭޝަން އެޕީލްސް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުން ނިމުނީ އޭނާއަކީ ހަމަ ހަގީގަތުގައިވެސް އިނގިރޭސިވިލާތުގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ނިމިގެންނެވެ.
އިނގިރޭސިވިލާތުގެ ތުހުމަތުތައް ޗައިނާއިން ދޮގުކުރެއެވެ. ލަންޑަނުގައި ހުންނަ ޗައިނާގެ އެމްބަސީއިން ބުނެފައިވަނީ މިއީ ރާވައިގެން ބަޔަކު ހިންގާ، ޗައިނާގެ އަގު ވައްޓާލުމުގެ އަމަލުތަކެއްކަމަށެވެ.
ޕްރިންސް އެންޑްރޫއަކީވެސް މިހާރު އެތައް މައްސަލައެއްގައި ތާށިވެފައި ހުރި ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްކަން އެތައް އަހަތަކު ކުރައްވާފައި، އެ މަގާމު ދޫކޮށްލައްވަން ޖެހުނީ ކުރެވުނު އެތައް ތުހުމަތުތަކަކާއެކުގައެވެ. ބަދުއަޚުލާގީ އަމަލުތަކުގެ ބައެއް ތުހުމަތުތަކާއި، އެޗް-6 ފަދަ އެހެން ބައެއް ފަރާތްތަކާއެކުވެސް ގުޅުން ބާއްވައި، ކަޅު ފައިސާގެ ތެރޭގައި އުޅުއްވާކަމުގެ ތުހުމަތުތައް ޕްރިންސް އެންޑްރޫއަށް ކުރެވެއެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި