ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ދެ މިނިސްޓްރީގެ މަސައްކަތްތައް އެއްކޮށް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ބޭނުން ނުކުރެވޭ ވަރަށް އިމާރާތް އެއްކޮށް އަނދާ ހުލިވެފައިވާއިރު ޖެހިގެން ހުރި އެންވަޔަރަމަންޓް މިނިސްޓްރީގެ އިމާރާތް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އަދިވެސް އަލިފާނުގެ އަސަރު އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި އެބަހުއްޓެވެ.

ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި-- ފޮޓޯ/ އާދަމް ނަޒީރު | ހަތާވީސް

އަލިފާނުގެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު އެމްއެންޑީއެފް އަށް އަދި ފުލުހުންނަށް ވެސް ލިބުނު ވަގުތެއް އެއްވެސް އިދާރާއަކުން މިހާތަނަށް ބުނެފައެއް ނުވެއެވެ. އެމްއެންޑީއެފްގެ މީޑިއާ ގްރޫޕްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާ ކޮށްފައި ވަނީ، ހެނދުނު 7:45 ހާއިރުއެވެ. ފުލުހުންގެ މީޑިއާ ގްރޫޕްގައި އެކަން ހިއްސާކުރީ ހެނދުނު 8:29ގައެވެ.

ގިނަ ބަޔަކު އުފައްދާ ސުވާލަކީ އެކަމުގެ ރިޕޯޓު އެމްއެންޑީއެފް އަށް އަސްލު ލިބުނީ ކިހާ އިރަކުތޯއެވެ. އެ ސަރަހައްދުގެ ތަނެއްގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންތަކެއް "ހަތާވީސް" އަށް ވަނީ މިއަދު ހިނގި ހާދިސާއާ ގުޅޭ ބައެއް ވާހަކަތައް ހިއްސާ ކޮށްފައެވެ.

ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި-- ފޮޓޯ/ އާދަމް ނަޒީރު | ހަތާވީސް

އެތަނުން އެއް މީހަކު ބުނީ ހެނދުނު 6:00 ޖަހާއިރު ބޮޑުތަކުރުފާނު މަގު ފުޑް ކޯޓުތަކާއި ދިމާލުގައި ހުންނަ ބަސް ހުއްޓި އަށް ބަސް އައިސް މަޑުކުރިއިރު ވެސް އަލިފާން ހިފާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް ބަސް ނައްޓާލިތާ މާގިނައިރުތަކެއް ނުވަނީސް ދުމުގެ އަސަރު ފެންނަން ފެށި ކަމަށެވެ.

"އަޅުގަނޑު 6:15ގައި މިތަނަށް [ކާޑު ގުދަން] އައީ. އައިސް މަޑުކުރިއިރު އަޅުގަނޑަށް ފެނިއްޖެ ދުމުގެ އަސަރު. ދެން ގޮސް ބެލިއިރު އަލިފާން ރޯވެފައި ހުރީ. ހައުސިން މިނިސްޓްރީގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފުން ކުޑަ ދެ ފެންހޮޅި ބޭނުން ކޮށްގެން ފެން ޖަހަމުން ދިޔައީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ހަމަ އެވަގުތު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އަށް ގުޅި ކަމަށެވެ. އެއާއެކު އައީ ފަޔާ އެންޑް ރެސްކިއު އިން ބޭނުންކުރާ ކުޑަ ލޮރީއެއް ކަމަށާއި އޭގައި ތިބީ ތިން މީހުން ކަމަށެވެ.

"އޭގެ ގަޑިއެއް ހާއިރުވީ ފަހުން، ފެން ލޮރީ އައީ. ބޮޑު ފެން ލޮރީ. އައިއިރު މިއޮތީ ވާނެ އެއްޗެއް ވެފައި،" އޭނާ ބުންޏެވެ.

އެމީހުން ކިޔައިދިން ގޮތުގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަޔާ އެންޑް ރެސްކިއު ޓީމުގެ ފޯމް ޖަހާ ލޮރީ އައިސް އަލިފާން ނިއްވުމަށް ފޯމް ޖަހަން ފެށުމުން ކަމަށެވެ.

"ވަކި ބަޔަކު ގޯސް ކުރާކަށް ނޫން. އެކަމަކު މިއަދުގެ ހާދިސާގައި މިހާވަރު އަސްލު ވެގެން މި ދިޔައީ އެމްއެންޑީއެފް އިން ލަސްވުމުން،" އެމީހުން ބުންޏެވެ.

ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި-- ފޮޓޯ/ އާދަމް ނަޒީރު | ހަތާވީސް

މިއަދުގެ އަލިފާނުގެ ހާދިސާގައި ސިޓީ ކައުންސިންގެ ރަށްވެހިކަމާ ގުޅޭ ބަޔަކަށް ވެސް ގެއްލުންވިއެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރިމައްޗަށް ހުރި ގެއަށް ވެސް އަސަރު ކުރިއެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެރި ދުމުގެ އަސަރުކުރި ތިން ގެއަކުން 29 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކުރި ކަމަށެވެ.