ޗައިނާގެ ބައެއް ކުންފުނިތަކާ ދެކޮޅަށް އެމެރިކާގެ ކޮމަރސް ޑިޕާޓްމަންޓުންނާއި ޓްރެޝަރީ އިން ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާގެ ކޮމަރސް ޑިޕާޓްމަންޓުން އިއްޔެ ވަނީ އިންސާނީ ހައްގުތަކަށް އަރައިގަންކަމުގެ ތުހުމަތުގައި ޗައިނާގެ ދެ ކުންފުންޏަކާ ދެކޮޅަށް ފިޔަވަޅު އެޅިކަން އިއުލާންކޮށްފައެވެ. އެގޮތުން ޒެއިޖިއާން ޔުނިވިއު ޓެކްނޮލޮޖީސް އާއި ބެއިޖިންގ ޝޮންގްޑުންގް ސެކިއުރިޓީ ޓެކްނޮލޮޖީ ގްރޫޕް މިހާރު ވަނީ އެމެރިކާގެ ޓްރޭޑް ރެސްޓްރިކްޝަން ލިސްޓަށް އިތުރުކޮށްފައެވެ.

ޒެއިޖިއާން ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އެޅީ ޗައިނާ ސަރުކާރުން އެ ގައުމުގެ ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ކަންކަމަށް ޖާސޫސުކުރުމަށް އެކުންފުނިން އެހީތެރިވެދޭކަމަށް ބުނެއެވެ. ވަކިން ޚާއްސަކޮށް ޗައިނާގެ ބައި މަދު މުސްލިމް ދަރިކޮޅެއްކަމަށްވާ އުއިގަރ ދަރިކޮޅުގެ މުސްލިމުންގެ ޙަރަކާތްތަކަށް ޖާސޫސުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީ އެކުންފުނިން އުފައްދާކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ޔުނިވިއު ކުންފުންޏާ ދެކޮޅަށްވެސް އެމެރިކާއިން ކުރަނީ ހަމައެފަދަ ތުހުމަތުތަކެއް ކަމަށް މީޑިއާ ރިޕޯޓްތައްބުނެއެވެ.

ކޮމަރސް ޑިޕާޓްމަންޓްގެ ސެންކްޝަންސް ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ އެމެރިކާ ސަޕްލަޔަރުން އެމީހުންނަށް ތަކެތި ސަޕްލައިކޮށްދިނުމަށް ޚާއްސަ ހުއްދަތަކެއް ހޯދަން ޖެހެއެވެ. އަދި އެކުންފުނިތަކުގެ ތަކެތި އެމެރިކާއަށް އިމްޕޯޓްކުރުމަށްވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.

މީގެ އިތުރުން އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުންވެސް އިއްޔެ ވަނީ ސައިބަރ ހަމަލާއެއް ދިންކަމުގެ ތުހުމަތުގައި ޗައިނާގެ ކުންފުންޏަކާއި، އެކުންފުނީގެ މުވައްޒަފަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ.

ޓެރެޝަރީއިން ފިޔަވަޅު އަޅާފައިވާ ޗައިނާގެ ޗެންގްޑޫގައި ގާއިމްކޮށްފައިވާ ސީޗުއާން ސައިލެންސް އިންފޮމޭޝަން ޓެކްނޮލޮޖީ ކޮމްޕެނީއާއި، އެކުންފުނީގެ މުވައްޒަފެއްކަމަށްވާ ގުއާން ޓިއަންފެންގް އާއި ދެކޮޅަށެވެ. އެގޮތުން އެކުންފުނިން އުފެއްދި ނުރައްކާތެރި މެލްވެއަރއެއް 2020 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި 80 ހާސް ސިސްޓަމަށް ހަމަލާދިންކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ. މި މެލްވެއަރ ބޭނުންކޮށްގެން ސިސްޓަމްތަކުގައި ހުރި ޑޭޓާ ވަގަށް ނެގުމުގެ އިތުރުން، ކޮވިޑާއި ހެދި ކޮމްޕިއުޓަރުތަކަށް ބަރޯސާވެގެން ތިބި އެތައް ކުންފުންޏަކަށް ރެންސަމްވެއަރ ހަމަލާތައް ދީ، އެއިން ނާޖާއިޒު ފައިދާ ހޯދާފައިވާކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ސީޗުއާން ސައިލެންސްއިން ހަމަލާދިން އެއް ކުންފުންޏަކީ ހަކަތައިގެ ދާއިރާގެ ކުންފުންޏެއްކަމަށާއި، ހަމަލާދިން ސިސްޓަމް އެވަގުތު ބޭނުންކުރަމުން ދިޔައީ ތެޔޮ ނެގުމުގެ މަސައްކަތުގައި ކަމަށާއި، ސިސްޓަމަށް މައްސަލައެއް ދިމާވިނަމަ ތެޔޮ ލީކުވުމުގެ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ބިރުވެރިކަން އޮތްކަމަށް އެމެރިކާއިން ފާހަގަކުރިއެވެ.

ސީޗުއާން ސައިލެންސްއާއި އެކުންފުނީގެ ގުއާންގެ މައްޗަށް އެމެރިކާއިން ކުރާ ތުހުމަތުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާ ފަރާތަކަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އިނާމެއް ޓްރެޝަރީއިން ވަނީ ހުށަހަޅާފައެވެ.