މި ހިނގާ 2024ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ކުރީ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓެއް ކަމަށާއި އެ ބަޖެޓުގައި އާ ސަރުކާރުން ބޭނުންވާ ކަންކަމަށް ފައިސާ ހިމަނާފައި ވަނީ ވަރަށް ކުދިކުދި އަދަދުން، ކަމެއް ނުކުރެވޭ ވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހުރާ އަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އިއްޔެ އެމަނިކުފާނު ދަތުރު ކުރެއްވި އއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން ވެސް، މިއަހަރު ތަރައްގީގެ މަޝްރޫއުތައް ނުފެށުނު ސަބަބު ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި އަހަރު އެއްވެސް މަސައްކަތެއް ނުކުރެވުނު ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވި ގޮތަށް ކަންކަން ކުރިޔަށް ނުދިޔައީ ބަޖެޓު އޮތް ގޮތުން ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ކ. ހުރާއަށް ވަޑައިގެން، އެރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ | ރައީސް އޮފީސް

"މި ނިމިގެންދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އޭރުގެ މަޖިލީހަށް ފޮނުވައިގެން އަޅުގަނޑުމެން އެދުނު އެއްވެސް ކަމެއް ނުހިމަނާ ފާސްކުރި ބަޖެޓެއް ވީމާ އަޅުގަނޑުމެންނަށް ކަންކަން ނުކުރެވޭ ގޮތަށް ކުދިކުދި އަދަދުތަކުން މަޝްރޫއުތަކަށް ފައިސާ ހިމަނައިގެން ބަޖެޓު އޮތީ ތަޅު އެޅުވިފައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިހާރު އޮތް މަޖިލީހަކީ ރައްޔިތުން އެދޭނެ ކަންކަން ކޮށްދޭނެ މަޖިލީހެއް ކަމަށެވެ. 2025ވަނަ އަހަރަށް ކަނޑައަޅާ ފާސްކޮށްފައިވާ ބަޖެޓަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކަންކަން ކުރެވޭނެ ގޮތަށް ފާސް ކޮށްފައިވާ ބަޖެޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ކ. ހުރާއަށް ވަޑައިގެން، އެރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާއިރު އަރިހުގައި ހުރާ ދާއިރާގެ މަޖިލިސް މެންބަރު އަނާރާ ނައީމް (ކ) -- ފޮޓޯ | ރައީސް އޮފީސް

އެގޮތުން އެމަނިކުފާނު އެންމެ އިސްކަން ދެއްވާ ތަރުތީބުން އަންނަ އަހަރުން ފެށިގެން ކަންކަން ކުރިޔަށް ދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ހުރާއަށް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ބައެއް ކަންކަން:

- ސްކޫލުގެ މަލްޓިޕާޕަސް ހޯލު އެޅުން

- ރައްޔިތުން އެދޭ ގޮތަށް ބަނދަރުގެ މަސައްކަތް ކުރުން

- ހެލްތު ސެންޓަރު ތަރައްގީކޮށް، ސްކޭން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން