ތައިލޭންޑުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް ފުއާދު ތައުފީގު އައްޔަން ކުރެއްވުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ރުހުން ދީފިއެވެ.
މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ފުއާދު އެ މަގާމަށް އައްޔަން ކުރުމަށް ރުހުން ދީފައި ވަނީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެ މަގާމަށް ފުއާދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ.
ފުއާދު ތައުފީގަކީ މިދިޔަ މަހުގެ 23ވަނަ ދުވަހާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. އޭނާގެ މަގާމުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.
ފުއާދަކީ 2004ވަނަ އަހަރުން ފެށިގެން އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެންމެ ފުރަތަމަ އޭނާ އަދާކުރެއްވީ އިންތިގާލީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަގާމެވެ. އަދި އެއަށްފަހު އިންތިގާލީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމު އޭނާ ފުރުއްވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި 2014ވަނަ އަހަރާއި ހަމައަށް ހުންނެވުމަށްފަހު ސޫމޯޓޯ މައްސަލައެއްގައި ފުއާދުގެ މައްޗަށް 2014 ވަނަ އަހަރުގެ މާޗް 9 ވަނަ ދުވަހު ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވުނެވެ. ޖަލަށް ލާން ހުކުމް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ހުކުމް ތަންފީޒް ކުރުން ތިން އަހަރަށް ފަސް ކުރިއެވެ. ފުއާދުގެ މައްޗަށް ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ވެސް އޭނާ އަށް ގެއްލިފައިވާ ކަމަށް ހުކުމް ކުރިއެވެ.
އެއަށްފަހު އަލުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ފުއާދު އައްޔަން ކުރެއްވީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24ވަނަ ދުވަހުއެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި