ބްރޯޑްކާސްޓަރުންނާއި ނޫސްމަޖައްލާތައް ސަރުކާރަށް ކޮންޓްރޯލް ކުރެވޭ ގޮތަށް މަޖިލީހަށް ހުށަހެޅުއްވި ބިލު އަބުރާ ގެންނަން އެ ބިލު ހުށަހެޅުއްވި މެމްބަރު ނިންމަވައިފިއެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލު" މަޖިލީހަށް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު "ހަތާވީސް"އަށް މިއަދު ވިދާޅުވީ ބިލު އަނބުރާ ގެނައުމަށް ނިންމާފައިވަނީ އެ ބިލު ބޭރުކޮށްލާނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ ކަމަށެވެ.
"އަޅުގަނޑަށް މިހާރު ގަބޫލު ކުރެވެނީ އެ ބިލު ހުށަހެޅުމަކީ ބޭކާރު ކަމެއްގެ ގޮތުގައި. ސަބަބަކީ ޕީއެންސީގެ 77 މެމްބަރުންގެ މެޖޯރިޓީ އޮތްވެ، ރައީސް އެހެން ވިދާޅުވީމަ، ބިލު ހުށަހެޅުމުގެ ބޭނުމެއް ނެތް،" ހަންނާން ވިދާޅުވިއެވެ.
މަޖިލީހުން އެ ބިލު ބޭރުކޮށްލާނެ ކަމަށް ރައީސް ވިދާޅުވީ އެ ބިލާ ދެކޮޅަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ގިނަ ނޫސްވެރިން ކެމްޕެއިނެއް ފަށާފައިވަނިކޮށެވެ.
"ހަތަރެއްގެ ދިފާއުގައި" ފެށި ކެމްޕެއިންގައި ބިލު ބޭރުކޮށްލުމަށް އެދި 100 ވުރެ ގިނަ ނޫސްވެރިން ޕެޓިޝަނެއްގައި ސޮއިކޮށްފައިވެއެވެ.
ހަންނާން ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، އަލަށް އުފައްދާ ކޮމިޝަންގެ ހަތް މެމްބަރުންގެ ތެރެއިން، ހަތަރު މެމްބަރުންނަކީ ރައީސުލްޖުމްހުރިއްޔާ މަޖިލީހަށް ހުށަހަޅުއްވައިގެން ފާސްކޮށްގެން އައްޔަންކުރާ މެމްބަރުންނެވެ. އަނެއް ތިން މެމްބަރުންނަކީ މީޑިއާތަކުން ވޯޓުދީގެން އައްޔަން ކުރާ މެމްބަރުންނެވެ.
ބިލުގައި ހިމެނޭ ނުރައްކާތެރި މާއްދާތަކުގެ ތެރޭގައި ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ މަސްދަރު ހާމަކުރަން ލާޒިމު ކުރުން ހިމެނެއެވެ. އަދި މީޑިއާތައް ޖޫރިމަނާކޮށް ނޫސްވެރިން ވެސް ޖޫރިމަނާކުރަން ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ނޫސްވެރިން ހިފަހައްޓަންވީ ހަމަތައް ބަޔާންކޮށް، "މައިކްރޯ ލެވެލް"ގައި މާއްދާތައް ލިޔެފައިވެއެވެ.
"ހަތަރެއްގެ ދިފާއުގައި" ހަރަކާތުން މިއަދު ވަނީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމްއާ މިއަދު ހެނދުނު ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރެއްވުމަށް ވެސް އެ ހަރަކާތުން އެދިފައިވެއެވެ.
		
										
										
		
		
		
														
							
								ރައީސް މުއިއްޒު ފުވައްމުލަކާއި އައްޑޫއަށް								
														
							
								"ހިތްފަސޭހަ، ސާފު ތަނެއްގެ ގޮތުގައި މާލެ ބޭއްވުމުގެ ޒިންމާ ބޮޑު"								
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު