ބްރޯޑްކާސްޓަރުންނާއި ނޫސްމަޖައްލާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ޕީއެންސީގެ މަޖިލިސް މެންބަރަކު އަމިއްލަފުޅު ހައިސިއްޔަތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވާތީ އެކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ޝުކުރު އަދާކޮށްފިއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާ އަށް ފަހު ނިކުމެވަޑައިގަންނަވަނިކޮށް ނޫސްވެރިޔަކު ވަނީ އެ ބިލު މަޖިލީހުން ބޭރު ކުރާނެތޯ ރައީސްގެ އަރިހުން ސުވާލު ކުރައްވާފައެވެ.

"ޔެސް ބޭރު ކުރާނަން. ބޭރު ކުރާނަން. ޔެސް އޮފްކޯޒް،" ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ބިލު ބޭރު ކުރާނެތޯ ސުވާލު ކުރެއްވުމުން ރައީސް ވިދާޅުވިއެވެ.

އެމްޖޭއޭ އިން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ "މީޑިއާ ކޮންޓްރޯލް ބިލް"އާ ގުޅިގެން ނޫސްވެރިންނާއި މީޑިއާތަކުގެ ގޮވާލުންތައް އަޑުއައްސަވާ ރައީސް ނިންމެވި ނިންމެވުމާއި ދެއްވި ޔަގީންކަން ފާހަގަކޮށް ދިވެހި ނޫސްވެރިންގެ ނަމުގައި އެމްޖޭއޭއިން ރައީސްއަށް ޝުކުރު ދަންނަވާ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވާލުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރުންގެ މެޖޯރިޓީ އޮންނަ ގޮތަށް ކޮމިޝަނެއް އެކުލަވާލުމަށް މަޖިލީހަށް ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރެވެ. އެ ބިލު އޭނާ ހުށަހެޅުއްވީ އަމިއްލަފުޅު ހައިސިއްޔަތުންނެވެ.

އެ ބިލާ ދެކޮޅަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން އިސް ނަގައިގެން ކެމްޕެއިނެއް ވެސް ވަނީ ފަށައިފައެވެ. ބިލާ ދެކޮޅަށް އެމްޖޭއޭ ފެށި ހަރަކާތަށް ދީފައިވާ ނަމަކީ "ހަތަރެއްގެ ހައްގުގައި" އެވެ. އެ ނަމުގެ މާނައަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަކީ ނޫސްވެރިކަން ކަމަށާއި ނޫސްވެރިކަމުގެ ހައްގުގައި މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.