ޓޫރިޒަމް ދާއިރާ އިން ރާއްޖެއަށް ވަންނަ ބޭރުގެ ފައިސާތައް ރާއްޖޭގެ ބޭންކުތަކަށް ޖަމާކޮށް, މާރުކުރަން ޖެހޭ ގޮތަށް ހެދި ގަވާއިދު ބަދަލު ކުރުމަށް ރާއްޖޭގެ މަޝްހޫރު ބައެއް ރިސޯޓު ހިންގާ ވިޔަފާރިވެރިން އެދުނު ނަމަވެސް އެ ގަވާއިދު އިސްލާހު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ގެންދާ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރު އެކަނި ފަތުރުވެރިކަމުގެ ދާއިރާ އަށް ލިބުނު އާމްދަނީ ހިއްސާ ކުރައްވައިފައެވެ.
ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް 4.5 ބިލިއަން ޑޮލަރު ފަތުރުވެެރިކަމުގެ ދާއިރާ އަށް ލިބުނު ކަމަށާއި އޭގެތެރެއިން ބޭންކުތަކަށް މާރުކުރީ 1.5 މިލިއަން ޑޮލަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ބޭންކުތަކަށް ޑޮލަރު މާރު ކުރުމުގެ ސަބަބުން އެތަކެއް ފައިދާއެއް ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ އަށް ލިބޭ ޑޮލަރުގެ ތެރެއިން ބައެއް ބޭންކުތަކަށް މާރު ކުރަން ފެށުމުން ސަރުކާރު ކުންފުނިތަކުން މިހާރު ކަޅު ބާޒާރުގައި ގަންނަމުން އަންނަ ޑޮލަރު ރަސްމީ ރޭޓުގައި ލިބިގެން ދާނެ ކަމަށެވެ.
އަދި މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ޕަސިންޖަރަކަށް ދެމުން އަންނަ 500 ޑޮލަރު 1،000 ޑޮލަރު އޭރުން ވިއްކަން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަށް އަމަލު ކުރަން ފެށޭނީ 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު މިހާރު ކްރެޑިޓު ކާޑުތަކަށް ދީފައިވާ ލިމިޓު 700 ޑޮލަރުން 1،400 ޑޮލަރާއި ހަމައަށް ވެސް މަތި ކުރެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ގަވައިދު ބަދަލުކުރާކަށް ނެތިން. ގަވައިދު ބަދަލެއް ނުކުރާނަން، ވަރަށް ސާފުކޮށް މި ދެންނެވީ،" ގިނަ އަދަދެއްގެ ބަޔަކާއެކު ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
"މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނީ. މިއީ ގާނޫނުއަސާސީއާ އެއްގޮތަށް ކުރާ ކަމެއް. ގާނޫނުތަކާ އެއްގޮތަށް ކުރާ ކަމެއް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ފަތުރުވެރިކަން ރާއްޖެ އަށް ތައާރަފުކޮށް އެކަން ފުޅާ ކުރުމަށް މަސައްކަތް ކުރެއްވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވަމުން ރައީސް މުއިއްޒު ވަނީ ސިޔާސީ ގޮތުން ގައުމަށް ލޯބިނުކުރާ ދިވެހިންގެ ފަޅީގައި ނެތް ސިޔާސީ މީހުންނަށް ތިބޭފުޅުންގެ ފައިދާ ނާޖައިޒު ގޮތުގައި ނެގިޔަ ނުދެއްވުމަށް އެދިވަޑައިގެންފައެވެ.
ޗަމްޕާމެން ގަނެފައިވާ ހުރިހާ ޓީބިލްތަށް ދައްކާފައި އަނބުރާ ފައދާތަށްނގާ
ޖާނޭ