ޓޫރިޒަމް ދާއިރާ އިން ރާއްޖެއަށް ވަންނަ ބޭރުގެ ފައިސާތައް ރާއްޖޭގެ ބޭންކުތަކަށް ޖަމާކޮށް, މާރުކުރަން ޖެހޭ ގޮތަށް ހެދި ގަވާއިދަށް ރަޖިސްޓްރީ ނުވަނީ ރާއްޖޭގައި ހިންގާ އެންމެ ރިސޯޓަކުން ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފިއެވެ.
އެމްއެމްއޭ އިން މިރޭ މި ނޫހަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައި ވަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން އެމްއެމްއޭގައި ރާއްޖޭގައި އޮޕަރޭޓްކުރާ އެންމެ ރިސޯޓެއް ފިޔަވައި އެހެން ހުރިހާ ރިސޯޓަކުން ރަޖިސްޓަރީ ވެއްޖެ ކަމަށެވެ. ރާއްޖޭގައި މިހާރު ހިންގަމުން އަންނަނީ 174 ރިސޯޓެވެ.
"މި ގަވާއިދަށް އަމަލުކުރަން ފެށީ 1 އޮކްޓޫބަރުން ފެށިގެންނެވެ. އަދި އޭގެ ފަހުން ވެސް ޓީޖީއެސްޓީއަށް ރަޖިސްޓަރީވާ ފަރާތެއްނަމަ އެ ފަރާތްތަކަށް ވެސް ރަޖިސްޓަރީ ވުމަށް 30 ދުވަހުގެ މުއްދަތެއް ލިބިގެންދެއެވެ" އެމްއެމްއޭ އިން ބުންޏެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެމްއެމްއޭ އިން ގެޒެޓުގައި ބުނެފައި ވަނީ ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކުން ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އަދަދު އެ 87 ދުވަސް ކުރިން ރާއްޖޭގެ ބޭންކަކަށް ޖަމާ ކުރަން ޖެހޭނެ އެވެ.
މީގެ އިތުރުން ޓޫރިޒަމް ދާއިރާއިން ލިބޭ ބޭރު ފައިސާ މާރުކުރަން ޖެހޭނީ ވެސް ބޭންކްތައް މެދުވެރިކޮށެވެ. އެގޮތުން ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ބޭރު ފައިސާ ދިވެހި ބޭންކެއް މެދުވެރިކޮށް މާރު ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.
އެ ގަވާއިދުގައިވާ ގޮތުން ބޭރު ފައިސާ ބޭންކަށް ޖަމާ ކުރުމަށްފަހު އެކަން އެމްއެމްއޭއަށް އަންގަން ޖެހޭނެ އެވެ.
އެ ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް އާންމު އުސޫލުން ކުރެވޭނީ ދިވެހި ރުފިޔާއިންނެވެ. ނަމަވެސް ޓޫރިޒަމް ދާއިރާ ހިމެނޭހެން 12 ދާއިރާއެއްގެ ކަންކަމުގައި ބޭރު ފައިސާއިން މުއާމަލާތު ކުރެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
މީގެ އިތުރުން އެ ގަވާއިދާ ހިލާފަށް ބޭރު ފައިސާއިން މުއާމަލާތް ކޮށްފިނަމަ 10,000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.