ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ސިޔާސީ އެކި މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ 200އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން އިއްޔެގެ ނިޔަލަށް ވަކި ކޮށްފިއެވެ.

މިދިޔަ މަހުގެ 15ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބި 228 މީހަކު ވަކި ކުރުމަށް އެމަނިކުފާނު އަންގަވާފައި ވާނެ ކަމަށެވެ. ވަކި ކުރާ ސިޔާސީ މީހުންގެ ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވެސް ހިމެނެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެ އަދަދަށް ސިޔާސީ މީހުން ވަކި ކުރުމުން މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

ސިޔާސީ މީހުން ވަކިކުރާ މަގާމުތަކާއި އަދަދު:

  • ސްޓޭޓް މިނިސްޓަރުން: 7
  • ޑެޕިއުޓީ މިނިސްޓަރުން: 43
  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން: 109
  • ޕޮލިޓިކަލް ޑިރެކްޓަރުން:
  • 69

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، މިހާތަނަށް 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުންވަނީ މަދުކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މި އަދަދަކީ ރައީސް މުއިއްޒު އިއުލާން ކުރެއްވި އަދަދަށްވުރެ ވެސް 20 މުވައްޒަފުން އިތުރު އަދަދެކެވެ.

"‏ހަމަ އެއާއެކު ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ، ކުރުންތެރިކަން އިތުރު ކުރުމަށް ސިޔާސީ މުވައްޒަފުންގެ ޕަރފޯމަންސް ބަލާނެ ނިޒާމެއް ގާއިމް ކުރުމަށް ކެބިނެޓުން މިހާރު ވަނީ ނިންމާފައި. މިނިޒާމަށް ވަރަށް އަވަހަށް ޢަމަލު ކުރަން ފަށާނެ،" ހީނާ ވިދާޅުވިއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަ ކުރުމަށް ނުވަތަ އެފަދަ ހަފްލާތައް ނުބާއްވަން މިދިޔަ ޖޫން މަހުގެ 6ވަނަ ދުވަހު ރައީސް ވަނީ ނިންމަވައިފައެވެ. އެހެންކަމުން މިއަދު ރައީސް ނިންމަވާފައިވާ މި ނިންމުމަކީ ކުރިން އެމަނިކުފާނު އަޅުއްވަން ނިންމެވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅަމުން ގެންދާއިރު ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ވެސް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.