ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް، މިއަހަރުގެ ބަޖެޓް ހަރަދުކުރި ގޮތް ހާމަނުކުރުމަށް ޕީއެންސީގެ މަޖިލިސް މެމްބަރުން ވޯޓު ދެއްވިއިރު، އެ ވޯޓުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ބައިވެރިވުމަށް ދެކޮޅު ހައްދަވައިފިއެވެ.
ކުރިއަށް އޮތް ދެ މަހަށް ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ދިރާސާ ކުރާ ކޮމެޓީއަށް ފިނޭންސް މިނިސްޓަރު ހާޒިރުކޮށް، މިއަހަރުގެ ބަޖެޓުން ކުރި ހަރަދުގެ ތަފްސީލު ހާމަކުރުމަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއެވެ. އެ ނިންމުމާ އެއްކޮޅަށް އެމްޑީޕީގެ ފަސް މެންބަރުން ވޯޓުދެއްވިއިރު، އެ ނިންމުމާ ދެކޮޅަށް 15 މެމްބަރުން ވޯޓު ދެއްވިއެވެ.
ނަމަވެސް އެ ވޯޓުގައި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ހުރިހާ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއިރު ވެސް އަޒާން އެ ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވައެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމެޓީ އެކުލެވިގެން ވަނީ މަޖިލީހުގައި ހިމެނޭ މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދި ކޮމެޓީގެ މެމްބަރުންގެ މައްޗަށެވެ. އަޒާންއަކީ މާލިއްޔަތު ކޮމެޓީގެ މެންބަރެކެވެ.
މައުލުމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ވުޒާރާތަކުން މައުލޫމާތު ހޯދައިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރި ނޫސްވެރިޔާ އަޒާން ވަނީ މި ސަރުކާރުން ބައެއް ވުޒާރާތަކުން މައުލޫމާތު ހާމަނުކުރާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށްފައެވެ.
މިއަހަރަށް ހަރަދު ކުރުމަށް މަޖިލީހުން ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުން ދެކޮޅު ނުޖެހިގެން، ކުރިއަށް އޮތް ދެ މަހަށް ހަރަދު ކުރުމަށް މަޖިލީހަށް ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގައި ހަރަދުތަކުގެ ތަފްސީލު ނެތިގެން އެމްޑީޕީން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
ސަބްޕިމެންޓްރީ ބަޖެޓުގެ ބަހުސްގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މާއްޓެ) ވިދާޅުވީ ބަޖެޓުން ހަރަދު ކުރި ކަމަށް ފެންނަނީ 18 ބިލިއަން ރުފިޔާ ކަމަށާއި ބާކީވާ 31 ބިލިއަން ރުފިޔާއަށް ވީ ގޮތެއް ފެންނަން ނެތް ކަމަށެވެ.
"އެހެން ތިއްބާ އިތުރު ފަސް ބިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފި. އެ 31 ބިލިއަނަށް ވީ ގޮތެއް ހިސާބުތަކުން ބުނެ ނުދީ, ދައުލަތުގެ މާލީ ރިޕޯޓުތައް ހާމަނުކޮށް އިތުރު ފަސް ބިލިއަން ރުފިޔާ ދޭށޭ ތި ވިދާޅުވަނީ،" މާއްޓޭ ވިދާޅުވެފައިވެއެވެ.