އަތޮޅު ތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ކުށް ސާބިތުނުވާ ކަމަށް ނިންމުމުގައި, އެ ކުއްޖާއާ ބެހެންދެން އެ ކުއްޖާ މަޑުކޮށްގެން ހުރީ ކީއްވެގެންތޯ ކޯޓަކުން ސުވާލު އުފެއްދި މައްސަލައެއް ފެންމަތިވެ އެ މައްސަލަ އިސްތިއުނާފްކުރަން ނިންމައިފި އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ މީހެއްގެ މައްޗަށް އުފުލީ ކުޑަކުއްޖަކު ތަނަކަށް ގެންގޮސް, އެ ކުއްޖާގެ ޖިންސީ ގުނަވަނުގައި އަތްލައި, އަދި އެ މީހާގެ ޖިންސީ ގުނަވަނުގައި އެ ކުއްޖާ ލައްވައި އަތްލެއްވި ކަމަށް ބުނެ އެވެ.

މި މައްސަލާގައި އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ޖުލައި މަހު މެޖިސްޓްރޭޓް ކޯޓަކުން ހުކުމް ކުރިއިރު, ޖިންސީ އަމަލު ހިންގަންދެން އެތަނުގައި ކުއްޖާ މަޑުކުރި ސަބަބާ މެދު ސުވާލު އުފެދޭ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި ކުޑަކުދިން އާންމުކޮށް ޖިންސް ލައިގެން ތިބޭނީ އުނަގަނޑަށް ހެޔޮވަރު ކަމަށާއި އަދި އެހެން މީހަކަށް ކުއްޖާގެ ޖިންސް ތެރެއަށް އަތް ކޮއްޕިދާނެ ކަމަށް ނުބެލެވޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި ދައުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ވަނީ ނިންމައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެކަމާ ގުޅިގެން އެ މައްސަލަ ބެއްލެވި ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ވެސް ޖޭއެސްސީއަށް އޮތީ ހުށަހަޅައިފަ އެވެ.