"ވޭޕް އޮއިލް"ގެ ނަމުގައި އޮޅުވާލައިގެން ރާއްޖެ އަށް އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްގެ ޝިޕްމަންޓެއް އަތުލައިގެންފިއެވެ.

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ވަނީ އަތުލައިގަތް މަސްތުވާތަކެތި ޝިޕްމަންޓުގެ ފޮޓޯއެއް އާއްމު ކުރައްވައިފައެވެ. އެ ފޮޓޯ އިން ހަ ފޮށިގަނޑެއް ފެނެއެވެ. މިނިސްޓަރު ވިދާޅުވީ އެތަކެއްޗަކީ "ވޭޕް އޮއިލްގެ ނަމުގައި އޮޅުވާލައިގެން" ރާއްޖެ އެތެރެ ކޮށްފައިވާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށެވެ.

އެތަކެތި ހިފަހައްޓާފައި ވަނީ މޯލްޑިވްސް ކަސްޓަމްސް އިންނެވެ. ބެލެވޭ ގޮތުގައި އެތަކެތި ގެނެސްފައި ވަނީ ވައިގެ މަގުންނެވެ. މިނިސްޓަރު ވިދާޅުވީ އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކުރުމަށް ނިންމި އެންމެ ބޮޑު އެއް ސަބަބަކީ މިއީ ކަމަށެވެ.

އެއަށްފަހު މިނިސްޓަރު އިހުސާން އިތުރު ޕޯސްޓެއް އެކްސްގައި ކުރެއްވިއެވެ. އެއީ މިއަހަރުގެ މޭ މަހުގެ 14ވަނަ ދުވަހު ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް ވޭޕް ކާޓްރިޖުތަކެކެވެ. މިނިސްޓަރު ވިދާޅުވީ އެ ކާޓްރިޖުތަކުގެ އެތެރެއަށް އަޅާފައި ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށެވެ.

2024 މޭ 14ވަނަ ދުވަހު ރާއްޖެ އެތެރެކުރި ވޭޕް ކާޓްރިޖުތަކެއް، މި ކާޓްރިޖުތަކުގައި ވަނީ ކެނަބިސް އަޅާފައި --

"ސްކޫލުތަކުގައި ކިޔަވާ ކުދިންނަށް މިފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން ވަނީ ފާހަގަކުރެވިފައި،" މިނިސްޓަރުގެ ޕޯސްޓުގައިވެއެވެ.

ރައީސް މުއިއްޒު އިއްޔެ ވިދާޅުވީ ވޭޕް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފިން،" އިތުރަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިގޮތަށް ނިންމަވާފައި މިވަނީ ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އެތަކެތި ވިއްކުން މަނާ ކޮށްދިނުމަށް އެދި ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ އެންސީޑީ އެލަޔަންސް އިން ރައީސްގެ އަރިހުގައި އެދިފައި ވަނިކޮށެވެ. އަދި ރައީސްގެ އެ ނިންމުމަށް އެތައް ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.