ކުޑަކުއްޖަކަށް 12 އަހަރުގެ މުއްދަތަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި އެ ކުއްޖާގެ ބޮޑުބޭބެ 15 އަހަރަށް ޖަލަށްލާން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ލ. އަތޮޅު ރަށެއްގެ މީހަކު 2009 ވަނަ އަހަރުން ފެށިގެން 2021 ގެ ނިޔަލަށް ޖިންސީ ގޯނާކުރީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ދަރިއަކަށެވެ. އެ ކުއްޖާގެ އުމުރުން ފަސް އަހަރުން ފެށިގެން އޭނާ އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް, ބަރަހަނާ ވީޑިއޯ ވެސް ދެއްކި ކަމަށް ތުހުމަތު ކުރެވުނެވެ.

އެ މައްސަލާގައި އޭނާގެ މައްޗަށް ކުރި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އޭނާގެ މައްޗަށް ހައި ކޯޓުގައި ކުށް ސާބިތުވީ އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ކުއްޖާ ނިދާފައި އޮއްވައި އެ ކުއްޖާގެ ގައިގައި އަތްލުމުގެ އިތުރުން އެ ކުއްޖާއަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ އެ މީހާ ދެއްކި ކަމަށް އެ ކުއްޖާ ބުނި ކަމަށް އެ ކުއްޖާގެ ބޭބެއަށް ކިޔައިދީފައިވާ ކަމަށެވެ. އަދި އެ ކުއްޖާއަށް 2009 ވަނަ އަހަރު ޖިންސީ ގޯނާކުރި ވާހަކަ އެ ކުއްޖާ ކިޔައިދިނީ އޭގެ އެތައް އަހަރެއް ފަހުން ކަމަށް ވީ ނަމަވެސް 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ވާހަކަ އެ ކުއްޖާ ކިޔައިދީފައިވާ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ ކުއްޖާ ބުނާ ބުނުމަށް ބާރު ލިބޭ ހެކިތައް ލިބިފައިވާތީ އެ މީހާގެ މައްޗަށް ކުށް ސާބިތުވެ އެވެ. އެހެންވެ, އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އޭނާ 15 އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ ކަމަށެވެ.

އެ މީހާ 15 އަހަރަށް ޖަލަށްލި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނި ކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 14 އަހަރުގެ ޖަލު ހުކުމެކެވެ.