އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ހަރްޔާނާގެ ތިންވަނަ ދައުރެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ކާމިޔާބުކޮށްފިއެވެ.

އިންތިހާބުގެ ނަތީޖާތައް ދައްކާ ގޮތުގައި ބީޖޭޕީ އަށް ހަރްޔާނާ މަޖިލީހުގެ 48 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު ކޮންގްރެސް ޕާޓީއަށް ލިބިފައި ވަނީ 33 ގޮނޑިއެވެ.

ނަމަވެސް ގާތްގަނޑަކަށް 10 އަހަރުފަހުން ކަޝްމީރުގައި ބޭއްވި އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުގައި ކޮންގްރެސް އިން ވަނީ 48 ގޮނޑި ކާމިޔާބުކޮށްފައެވެ. ބީޖޭޕީ އަށް ކާމިޔާބު ކުރެވުނީ 29 ގޮނޑިއެވެ. އެހެންކަމުން ކަޝްމީރުގައި އުފެދޭނީ މައި ސަރުކާރާއި ދެކޮޅު ސަރުކާރެކެވެ.

އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ހަރްޔާނާގެ 90 ގޮނޑިއަށް، އެއް ފިޔަވައްސަކަށް ބަހާލައިގެން ވޯޓްލީ ގާތްގަނޑަކަށް 68 އިންސައްތަ މީހުންނެވެ. ކަޝްމީރުގެ 90 ގޮނޑިއަށް، ތިން ފިޔަވައްސަކަށް ބަހާލައިގެން ވޯޓްލާފައިވާއިރު، ވޯޓުލާފައި ވަނީ 63.88 ޕަސެންޓު މީހުންނެވެ. މިއީ ލޯކް ސަބާ އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދަށްވުރެ ވެސް މަތީ އަދަދެކެވެ.

ހަރްޔާނާގެ އިންތިހާބު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދުމުގެ އުފަލުގައި ބޭއްވި ޖަލްސާގައި ބޮޑުވަޒީރު މޯދީ ވަނީ އެ ކާމިޔާބީ އަކީ ތަރައްގީ އާއި ޑިމޮކްރަސީ އަށް ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ.