ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު އޮތް ހާލަތަށް ބަލާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުން ރާއްޖެ އަށް ދިން އެހީއަކީ ދިވެހިންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުޔެއް ކަމަށް ދާދިފަހުން ފޮރިން މިނިސްޓަރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ޚަލީލް ވިދާޅުވެއްޖެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މަރުކަޒީ ބޭންކް އިން މިއަދު ބުނީ އެ އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އެއީ އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށެވެ.

ފޮރިން މިނިސްޓަރު ހަލީލު -- ރައީސް އޮފީސް ފޮޓޯ

އެގޮތުން، "ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2027 – 2024"ގެ ދަށުން އެމްއެމްއޭއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެއެވެ.

މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ ފޮރިން މިނިސްޓަރު ހަލީލް މީޑިއާތަކާއި ވާހަކަދައްކަވަމުން ވިދާޅުވީ އިންޑިއާ އިން ދިން އެހީގެ ސަބަބުން ރާއްޖެ އަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ. އެހެންކަމުން މިއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވިއެވެ.

ހަލީލް ވަނީ ރާއްޖެ އަށް ދިމާވާ ކަންކަމުގައި އިންޑިއާ އަކީ އަބަދުވެސް އެހީތެރިކަން ދެމުން އަންނަ ގައުމެއް ކަމަށް ވިދާޅުވެ އެގައުމަށް ތައުރީފް ކުރައްވާފައެވެ.