އިންޑިއާގެ ސަލާމަތީ މަސްލަހަތަށް ބުރޫއަރާނެ ފަދަ ކަމެއް ރާއްޖޭން ނުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ނިމިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބު ކުރެއްވުމުން ބޭރުގެ ގިނަ މީޑިއާތަކުގައި އެކަން ސިފަ ކުރީ އެއީ ޗައިނާ އަށް ލިބިގެން ދިޔަ ކާމިޔާބީއެއްގެ ގޮތުގައެވެ.
ޗައިނާ އަކީ މި ސަރަހައްދުގައި އިންޑިއާގެ އެންމެ ބޮޑު ވާދަވެރިޔާއެވެ. ޗައިނާއާއެކު ވިއަސް އަދި އެހެން ގައުމަކާއެކު ރާއްޖޭން ބާއްވާ ގުޅުމެއްގެ ސަބަބުން އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާނެ ފަދަ އެއްވެސް ކަމެއް ރާއްޖޭން ނުކުރާނެ ކަމަށް އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި "ޓައިމްސް އޮފް އިންޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
ދެގައުމުގެ ގުޅުން ރައީސް މުއިއްޒު ސިފަ ކުރެއްވީ "އިހުތިރާމާއި މަސްލަހަތުތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް"ގެ ގޮތުގައެވެ. އަދި އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމަށް ސިފަ ކުރެއްވިއެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް އިއްޔެ އިންޑިއާ އަށް ވަޑައިގެންނެވި ރައީސް މުއިއްޒު ވަނީ އެގައުމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު ވެސް އެގައުމުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އިއްޔެ އެމަނިކުފާނު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ޖައިޝަންކަރާއި ބައްދަލުކުރައްވާފައެވެ.
އަދި މިއަދުގެ ވަގުތެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސް ބައްދަލުކުރައްވާނެއެވެ.
"އިންޑިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ރާއްޖެއިން ދުވަހަކުވެސް ނުކުރާނެ. އެކި ދާއިރާތަކުން އެހެން ގައުމުތަކާއެކު އެއްބާރުލުން އިތުރުކުރާއިރު، އަޅުގަނޑުމެންގެ ޢަމަލުތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބުރޫނާރާނެކަން ކަށަވަރުކޮށްދިނުމަށް އަޅުގަނޑުމެން ދެމިތިބޭނަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި މުމްބާއީއަށާއި ބެންގަލޫރަށް ވެސް ރައީސް ޒިޔާރަތްކުރައްވާނެއެވެ.