ޓޫރިޒަމް ދާއިރާ އިން ރާއްޖެއަށް ވަންނަ ބޭރުގެ ފައިސާތައް ރާއްޖޭގެ ބޭންކުތަކަށް ޖަމާކޮށް, މާރުކުރަން ޖެހޭ ގޮތަށް އިއްޔެ ހަމަޖެއްސިއިރު އެ ގަވާއިދާ ގުޅޭ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހުށަހެޅި އެއްވެސް ކަމަކަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިޖާބަ ދީފައި ނުވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއްޔެ އާންމުކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދު ބުނާގޮތުން ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކުން ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އަދަދު އެ 87 ދުވަސް ކުރިން ރާއްޖޭގެ ބޭންކަކަށް ޖަމާ ކުރަން ޖެހޭނެ އެވެ.

އެކަމާއި ގުޅޭ ގޮތުން ކަމާ ގުޅުންހުރި ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާ ކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނި ނަމަވެސް އެކަން ހިނގާފައި ވަނީ އެމްއެމްއޭ އިން ބުނެފައިވާ ގޮތަށް ނޫން ކަމަށް ރޭ މަޓީން ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައިވެއެވެ.

"އެމްއެމްއޭގެ އެދިވަޑައިގަތުމަށް މި ޖަމިއްޔާއާއެކު ބޭއްވުނު ބައްދަލުވުމުގައި ބޭރު ފައިސާއާ ބެހޭ އައު ގަވާއިދުގައި ހިމެނުއްވުމަށް އެ އޮތޯރިޓީން ހުށަހަޅުއްވާފައިވާ ކަންތައްތަކަކީ މި ޖަމިއްޔާ އަށް އެއްބަސްވެވޭނެ ކަންތައްތަކެއް ނޫން ކަމުގައި ވާނީ ދަންނަވާފައެވެ. ގަވާއިދު ގެޒެޓު ކުރެވުނުއިރު މި ޖަމިއްޔާގެ ފަރާތުން ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަށް އެމްއެމްއޭގެ ފަރާތުން އިޖާބަ ދެއްވާފައި ނުވާކަން ފާހަގަކުރަމެވެ،" ބަޔާނުގައިވެއެވެ.

މަޓީގެ ބަޔާނުގައި ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެ ޖަމިއްޔާ އިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ބުންޏެވެ.

އިއްޔެ ގެޒެޓު ކޮށްފައިވާ ގަވާއިދުގައި ޓޫރިޒަމް ދާއިރާއިން ލިބޭ ބޭރު ފައިސާ މާރުކުރަން ޖެހޭނީ ވެސް ބޭންކްތައް މެދުވެރިކޮށް ކަމަށް ބުނެފައިވެއެވެ. އެގޮތުން ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ބޭރު ފައިސާ ދިވެހި ބޭންކެއް މެދުވެރިކޮށް މާރު ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އެ ގަވާއިދުގައިވާ ގޮތުން ބޭރު ފައިސާ ބޭންކަށް ޖަމާ ކުރުމަށްފަހު އެކަން އެމްއެމްއޭއަށް އަންގަން ޖެހޭނެ އެވެ. އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް އާންމު އުސޫލުން ކުރެވޭނީ ދިވެހި ރުފިޔާއިންނެވެ. ނަމަވެސް ޓޫރިޒަމް ދާއިރާ ހިމެނޭހެން 12 ދާއިރާއެއްގެ ކަންކަމުގައި ބޭރު ފައިސާއިން މުއާމަލާތު ކުރެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން އެ ގަވާއިދާ ހިލާފަށް ބޭރު ފައިސާއިން މުއާމަލާތް ކޮށްފިނަމަ 10,000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.