ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ޑޮލަރު ގަންނަން ކަމަށް ބުނެ ނެގި ފައިސާއިން ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ މަދުވެ, އަދި އެ ކުންފުނީގެ ކުރީގެ އިސްވެރިއަކާއި އޭނާގެ ދަރިފުޅުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަން ޕީއެސްއެމްގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިދިޔަ ހަފުތާގައި ނެރުއްވި ޕީއެސްއެމްގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޑޮލަރު ގަތުމުގެ ނަމުގައި އެ ކުންފުނީގެ އެކައުންޓުން ނެގި 4.5 މިލިއަން ރުފިޔާ އާއި މިއަހަރުގެ އޭޕްރީލް މަހާ ހަމައަށް ޕީއެސްއެމްއަށް އާމްދަނީގެ ގޮތުގައި ލިބުނު 4.2 މިލިއަން ރުފިޔާ އާއި އެ ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން 190,000ރ. އެވެ.
ރިޕޯޓުގައި ބުނެފައި ވަނީ ޑޮލަރު ގަތުމަށް ބޭންކް އެކައުންޓުން ނެގި 5.79 މިލިއަން ރުފިޔާގެ ތެރެއިން 4.58 މިލިއަން ރުފިޔާއަށް ލިބެންވާ 297،257 ޑޮލަރު ޕީއެސްއެމްއަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ފައިސާއަށް ހޯދި ޑޮލަރުތަކުގެ ތެރެއިން ޕީއެސްއެމްއަށް ލިބުނު ޑޮލަރުތައް ވެސް އެ ކުންފުނީގެ އެކައުންޓަށް ޖަމާކުރީ އެ ކުންފުނީގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު އަހުމަދު ހަނީފާއި އޭނާގެ ދަރިފުޅުގެ އަމިއްލަ އެކައުންޓުން ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން 2017 ވަނަ އަހަރުން ފެށިގެން 2024 ގެ އޭޕްރިލްގެ ނިޔަލަށް ޕީއެސްއެމްއަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 4،260،295ރ. އެ ކުންފުނީގެ އެކައުންޓަށް ޖަމާ ކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ފައިސާގެ ތެރެއިން 112،235ރ. ފިޔަވައި އެހެން ހުރިހާ ފައިސާއަކާ ޕީއެސްއެމްގެ އެތެރެއިން ހަނީފު ހަވާލުވެފައިވާކަން އޮޑިޓަށް ހާމަވެފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި އޮގަސްޓް, 2021 ގައި ބޭންކް އެކައުންޓަށް ޖަމާކުރަން ހަނީފް ހަވާލުވި 190,000ރ. ވެސް އެކައުންޓަށް ޖަމާނުވެ, ގެއްލިފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން 1.28 މިލިއަން ރުފިޔާ ޑޮލަރު ގަތުމަށް ނެގި ނަމަވެސް އޭގެ ތެރެއިން 1.1 މިލިއަން ރުފިޔާ އެކި ފަހަރު މަތިން ޖަމާ ކޮށްފައިވަނީ ހަނީފުގެ ދަރިއެއްގެ އެކައުންޓަށް ކަމަށެވެ.
މި ހުރިހާ މުއާމަލާތްތަކެއް ހިންގިއިރު، ޕީއެސްއެމްގައި ބޭރު ފައިސާ ހޯދުމުގައި އަމަލު ކުރާނެ އެއްވެސް އުސޫލެއް ނެތްކަން އޮޑިޓު ރިޕޯޓުގައިވެ އެވެ.