އދ.ގެ ސަމިޓް އޮފް ދަ ފިއުޗާ "އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވާޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗާ"ގެ ކޯ-ޗެއާކަން ކުރަން ލިބިގެން ދިޔުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިޔަށް ގެންދަން ނިންމާފައިވާ ޑިޖިޓަލް އިކޮނޮމީ ކުރިޔަށް ގެންދިއުމަށް ލިބިގެން ދިޔަ ފުރުސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ވަނީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަނެޓްގެ ހިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުންކަމަށާ، އެކަމުގެ ސަބަބުން ވަކިން ހާއްސަކޮށް، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ތަރައްގީ އާއި އަދުލުއިންސާފަށް ހުރަސް އެޅޭ ކަމަށް ވިދާޅުވެފައެވެ.
ސިޔާސަތުތައް އެކުލަވާއިރު އެއްވެސް މީހަކު ބާކީ ނުވާނެ ގޮތަށް އެކުލަވާލުމަށް ގޮވާލާ ރައީސް ވަނީ މިކަމަށް މަގުފަހިވާނެ މައިގަނޑު ތިން ކަމެއް ހުށަހަޅުއްވައިފައެވެ.
އެ ބައްދަލުވުމަށްފަހު ރައީސް އޮފީހުން އާއްމު ކޮށްފައިވާ ވީޑިއޯ މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ ފަރާތުން އދ.ގައި އޮތް އެފަދަ މުހިއްމު ސެޝަނެއްގައި ކޯޗެއާކުރަން ލިބުމަކީ ރާއްޖޭގައި އެމަނިކުފާނުގެ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ޑިޖިޓަލް އިކޮނޮމީ ކުރިއަށް ގެންދިއުން، ޑިޖިޓަލައިޒޭޝަން ފުޅާކުރުމަށް ލިބުނު ވަރަށް މުހިއްމު ފުރުސަތެއް ކަމަށެވެ.
"ރާއްޖޭގެ ނަން އިންޓަނޭޝަނަލް ކޮމިއުނިޓީގައި ފުޅާކުރަން ލިބުނު ފުރުސަތެއް. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ރަނގަޅުވާނެ،" ރައީސް ވިދާޅުވިއެވެ.
އިއްޔެގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޝާމިލު މުސްތަގުބަލެއް ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް އިންގިލާބުގެ ބޭނުންހިފުމުގެ މުހިންމުކަމުގެ މައްޗަށް ބާރު އަޅުއްވައި، ޝާމިލު، ވިލުންތެރި އަދި އަދުލުވެރި ޑިޖިޓަލް ދުނިޔެއެއް ބިނާކުރުމަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.