އިގްތިސާދީ އިތުރު ކުރިއެރުން ހޯދަން އެހެން ދާއިރާތަކުން އިގްތިސާދު ފުޅާ ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. ގައި ކުރިއަށްދާ "ބިލްޑިންގް ޕްރޮޑަކްޓިވް ކެޕޭސިޓީސް އިން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް"ގެ ހަވާސާ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުޑަ އާމްދަނީއެއް ލިބޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮއްވައި، މެދުމިނުގެ އާމްދަނީ ލިބޭ ގައުމަކަށް ރާއްޖެ ބަދަލުވުމަށް އެންމެ ބޮޑު ބާރެއް ލިބިގެން ދިޔައީ ފަތުރުވެރިކަމުގެ ދާއިރާ އިން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މެދުމިނުގެ އާމްދަނީގެ މަރުހަލާ ހުރަސްކޮށް އިތުރަށް އިގްތިސާދު ފުޅާކުރަން މިވަގުތު ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެންޓީގާ އެންޑް ބާބިޔުޑާ އެޖެންޑާ ފޯ ސިޑްސްގައި އެކަށައެޅި 10 އަހަރުގެ މަގުޗާޓުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންކުރެވިދާނެ މައިގަނޑު ތިން އިސްތިރާޖެއް ހުށަހެޅުއްވިއެވެ.

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ފަންނިއްޔާތު ކުރިއެރުވުމެވެ. ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މާރުކޭޓާއެކު ކުރާ މުއާމަލާތް ފުޅާކުރުމަށްޓަކައި، ބައިނަލްއަގުވާމީ ޕޭމަންޓް ގޭޓްވޭއަށް މަގުފަހިކޮށްދެއްވާނެކަން ތަކުރާރު ކުރައްވާފައެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އުމްރާނީ ތަރައްގީގައި ވިލުންތެެރި ކަމަށް އިސްކަންދިނުމުގެ މުހިންމުކަމެވެ. މިގޮތުން ބައިނަލްއަގުވާމީ ސަޕްލައި ޗެއިންތަކަށް މަގުފަހިކޮށް އައު އިންވެސްޓްމަންޓްތައް ގައުމަށް ހޯދައިދިނުމަށްޓަކައި، ދަތުރުފަތުރާއި ހަކަތައާއި ޑިޖިޓަލް ގުޅުންތަކަށް ބޭނުންވާ އަސާސީ ވަސީލަތްތައް ގާއިމުކުރަންވާނީ މި ޒަމާނުގެ ތަރައްގީއާ ފައިހަމަވާނޭގޮތަށް ކަމުގައި ވިދާޅުވިއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ހަގީގީ ހާލަތުގެ މައްޗަށް ރިއާޔަތްކޮށް ސިޔާސަތު ކަނޑައެޅުމުގެ މުހިންމުކަމެވެ. އެގޮތުން އދ. ގެ ވިޔަފާރިއާ ތަރައްގީއާ ބެހޭ ޖަމިއްޔާ 'އަންކްޓެޑުން' ވަޒަންކުރަމުން ގެންދާ 'ދަ ޕްރޮޑަކްޓިވް ކެޕޭސިޓީސް އިންޑެކްސް'ގެ ބޭނުންތެރިކަމާއި، އިލްމީ ނިންމުންތަކާއި ދިރާސާތަކުގެ އަލީގައި އިގްތިސޯދަށް އިސްލާހީ ބަދަލުތައް ގެނައުމަށްޓަކައި މަސައްކަތްކުރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ، ރާއްޖެއަށް ހާއްސަ ޕޮލިސީ އިންޓަވެންޝަންތައް ދެނެގަތުމުގައި ރާއްޖެއާއެކު މަސައްކަތްކޮށްދެއްވުމަށް، 'އަންކްޓެޑާއި' އެ ނޫންވެސް މިކަމާ ގުޅުންހުރި އދ. ގެ އިދާރާތަކަށާއި ޖަމާއަތްތަކަށް ދައުވަތު ދެއްވައިފައެވެ.