ރާއްޖެ އިން ބަންކަރިންގެ ހިދުމަތް ފެށީ އެކަން ކުރަމުން އަންނަ އެހެން ބޮޑެތި ގައުމުތަކާއި އެއްވެސް ގޮތަކަށް ވާދަ ކުރާކަށް ނޫން ކަމަށާއި އެހެންނަމަވެސް ރާއްޖެ އިން މި ހިދުމަތް ފެށުމަކީ ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ބަންކަރިންގެ ހިދުމަތް ފެށުމުގެ ގޮތުން މިއަދު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ރާއްޖެ އިން ފެށީ އެ ހިދުމަތް ފުޅާ ދާއިރާއެއްގައި މިހާރުވެސް ދެމުން އަންނަ ސިންގަޕޫރާއި އަވައްޓެރި ލަންކާއާ ވާދަކުރުމަށް ނޫން ކަމަށެވެ.
ބަންކަރިންގެ ހިދުމަތް ފެށުމުގެ ގޮތުން ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކު އެއްބަސްވުމެއްގައި މިދިޔަ މާޗު މަހު ވަނީ ސޮއިކޮށްފައެވެ. މި ކުންފުންޏަކީ މިހާރުވެސް ބޮޑެތި ބައެއް ގައުމުތަކުގައި ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ. އަދި ބަންކަރިންގެ ހިދުމަތް ދެމުން ދަނީ ވިޓޯލްއާ އެކު އެސްޓީއޯ އިން "ޕްރޮފިޓް ޝެއަރިން މޮޑެލްއެއް" ދަށުންނެވެ. ސައީދުގެ ވާހަކަފުޅުގައި ވަނީ އެކަމާއި ދެކޮޅަށް ވާހަކަދައްކާ ބައެއް ފަރާތްތަކަށް ވެސް މިއަދުގެ ރަސްމިއްޔާތުގައި ރައްދު ދެއްވައިފައެވެ.
"އެހެންވީމަ އަޅުގަނޑުމެން ޝައްކެއް ނުކުރަން މި ޓްރެފިކްގެ އެސްޓީއޯއިން ޓާގެޓް ކުރަނީ އެންމެ ޕަސެންޓަކަށް ކަމުގައިވިޔަސް އަޅުގަނޑުމެންނަށް މިތާނގައި އޮންޕޯޓް ހިދުމަތް ފެށުމަށް ހެޔޮވަރު އަދަދެއް އެއީ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެ މަސައްކަތުގައި އެސްޓީއޯ އަށް ވާގިވެރިވާ ވިޓޯލް ކުންފުނިން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވި ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެ އިން ބަންކަރިންގެ ހިދުމަތް ފެށުމުން ރާއްޖޭގައި އެކުންފުނިން އިތުރު އިންވެސްޓްމަންޓުތައް ކުރާނެ ކަމަށް ރައީސް އަރިހުގައި ދެންނެވި ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ބަންކަރިންގެ ހިދުމަތް މިއަދު ފެށީ އޮފްޝޯ ކޮށެވެ. ސައީދު ވިދާޅުވީ އޮފްޝޯކޮށް އެ ހިދުމަތް ފެށީ، އެއީ ވިޔަފާރި ފައިދާ އެންމެ ބޮޑުވާނެ ގޮތް ކަމަށް ވާތީ ކަމަށެވެ.
މި ހިދުމަތް ފެށީ ދެ ބޯޓަކާއެކުގައެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ ނަމަކަށް ކިޔާ ދެ ބޯޓެވެ. ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ އެއިޓް ޑިގްރީ ޗެނަލުން ދަތުރުކުރާ ބޯޓުތަކަށް އަމާޒުކޮށްގެން ފެށި ބަންކަރިން ހިދުމަތް ފެށުމުގެ ގޮތުން، އެންމެ ފުރަތަމަ ހިދުމަތް ދީފައި ވަނީ ވައިސީ ބެރިއާއަށެވެ. މިއީ އެމްއެސްއެސްގެ ބޯޓެކެވެ. މިއީ އެ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިންއެކެވެ.