ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ގިނަ ބައެއްގެ ދިރިއުޅުމާއި ގުޅިފައިވާ ތަނެއް ކަމަށާއި އެތަނަށް އޮތް އިތުބާރު ގެއްލޭ ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި އިބޫ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ވަރަށް ގިނަ އާންމުންނާއި ވިޔަފާރިވެރިންގެ ދިރިއުޅުމާއި ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި އެތަނަކީ އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަންޖެހޭ ތަނެއް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުންވިޔަސް ބީއެމްއެލް އަށް އޮތް އިތުބާރު ގެެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ބީއެމްއެލް އަށް ކުރާ އިތުބާރު ގެއްލިއްޖެ ނަމަ އެއީ މުޅި މުޖަތަމައު އަށް ލިބޭނެ ބޮޑު ދެރައެކެވެ. އެއީ ރައްޔިތުންގެ ބޭންކެވެ،" އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް އިއްޔެ އިން ފެށިގެން ބޭނުން ނުކުރެވޭ ގޮތަށް ނިންމި ނިންމުމަކީ ސިޔާސީ ބަޔަކު އެކަމުގެ އަޑީގައި ތިބެ، ސަރުކާރު ބަދަލު ކުރަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށް އެކަމުގެ ތަހުގީގެއް ފުލުހުން ފަށާފައި ވަނިކޮށެވެ.

އެ މައްސަލައިގެ ތަހުގީގު ފެށިތާ ކުޑަ ދުވަސްކޮޅެއް ފަހުން ބީއެމްއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ވަނީ އިސްތިއުފާ ދެއްވަވައިފައެވެ.

މީގެއިތުރުން ސަރުކާރުން ވަނީ ކުންފުނިތަކުގެ ބޯޑަށް މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންނާއި އައްޔަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކުރަން ކުންފުނިތަކާ ބެހޭ ގާނޫނަށް އިސްލާހު ވެސް ގެނެސްފައެވެ.

ހަމައެއާއެކު ބީއެމްއެލްގެ ޗެއާމަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު އައްޔަނުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ވަނީ ފޮނުވައިފައެވެ. އަހުމަދުގެ އިތުރުން މުހައްމަދު ޝާހިދާއި އަލީ އިރުފާން ބީއެމްއެލްގެ ބޯޑަށް އައްޔަން ކުރަން ޕީސީބީ އަށް ވަނީ ފޮނުވައިފައެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ގައި ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ނަން ފޮނުވާފައިވާ ބޭފުޅުން އައްޔަން ކުރާނެއެވެ.