މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލަ ބަލަން ހޯމް މިނިސްޓަރު އަލީ އިހްސާން މަސައްކަތް ކުރެއްވި ކަމަށް ބުނުމުން ކުރީގެ ރައީސް އަބްދުالله ޔާމީން އިހްސާނަށް ރޭ ތައުރީފް ކުރައްވައިފި އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވަކީލް އާދަމް އާސިފް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަން މިނިސްޓަރު އިހްސާން މަސައްކަތް ކުރެއްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ހުއްޓުވި ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެކަމާ ގުޅިގެން ޔާމީން ވިދާޅުވީ އިހްސާނަކީ އެފަދަ ކަންކަމުގައި އޭނާގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެއްދޭނެ މީހެއް ނޫން ކަމަށާއި އަދި އޭނާގެ ހުރި ރަނގަޅު ސިފަތައް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަން ރައީސް މުއިއްޒު ހުރަސް އަޅުއްވާނަމަ ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދިނުމުގެ ކެރުންތެރިކަން އިހްސާންގެ ކިބައިގައި ހުންނާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އޭނާއަކީ މިކަހަލަ ކަމެއްގައި އޭނާގެ ކެރެކްޓާގައި ކޮމްޕްރޮމައިޒްވާނެ މީހެއް ނޫން. އޭނާ އެކަން ބަލަން ބޭނުމިއްޔާ މުއިއްޒަކަށް ނުހުއްޓުވޭނެ. ހުއްޓުވައިފި ކަމަށް ވަންޏާ އޭނާގެ ގަޓްސް ހުންނާނެ އިސްތިއުފާ ދީފައި ދުރަށް ދާން." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މިހާތަނަށް ހޯމް މިނިސްޓަރުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔައީ ފުލުހުން ކަމަށެވެ. ނަމަވެސް އިހްސާންގެ ސެކިއުރިޓީ ބެލެހެއްޓުން އެމްއެންޑީއެފްގެ ދަށަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށާއި އެއީ ކޮންމެވެސް ކަންތައްތަކެއް އުޅޭތީ ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިއަދުން ފެށިގެން ނުވަތަ އިއްޔެއިން ފެށިގެން ހޯމް މިނިސްޓަރުގެ ސެކިއުރިޓީ ބެލެހެއްޓުން އެމްއެންޑީއެފްއާ ހަވާލުވެއްޖެ. ކޮންމެވެސް ކަހަލަ ކަންތައްތަކެއް އެބަ އުޅޭ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ސަރުކާރު ހިންގާ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބޭތީ ކަމަށާއި އޭގެ ސަބަބުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނެ ނިޒާމެއް ނެތް ކަމަށެވެ. އަދި އެކަންކަން ބަދަލުވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.