ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރެވޭ ކަރަންޓް އެކައުންޓް މުޢާމަލާތްތަކާއި އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގެ ދަށުން ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ ރާއްޖެއާއި ޗައިނާއާ އެކީގައި 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި މިހާރުވެސް ކުރެވެމުންދާ ކަމަށެވެ. އެހެންނަމަވެސް ރާއްޖެއާއި ޗައިނާއާ އެކު މިހާރު ހަދާފައިވާ އެފްޓީއޭގެ ދަށުން 1 ބިލިއަން ޑޮލަރަށް އެ ވިޔަފާރީގެ އަދަދު މަތިވެގެން ދާނެ ކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ އެ އެއްބަސްވުމާ އެކު ޑޮލަރުން ފައިސާ ނުދައްކާ، ރުފިޔާ އިން ވަރަށް ގިނަ ކަންތައް ކުރެވިގެންދާނެ ކަމަށެވެ.

"ދިވެހިންނަށް ދަތުރު ފަތުރުކުރުމުގެ ލުއިތައް. ދިވެހިންނަށް ދިވެހި ފައިސާ އިން ފައިސާ ދެއްކޭނެ ގޮތް މެދުވެރިވުން. މުދާ ގަތުމުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ދަށްވާނެ،" ހީނާ ވިދާޅުވިއެވެ.

ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް ކަމަށްވާ ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ދެމެދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާއިން ހިންގުމުގެ ފުރުސަތު ލިބި, ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ.

ޗައިނާއާ އެކު ދިވެހި ރުފިޔާއިން މުއާމަލާތް ކުރެވޭނެ ނިޒާމެއް ހަމަޖައްސަން ނިންމިއިރު, ސަރުކާރުން އޮތީ އިންޑިއާއާ އެކު ވެސް ރުފިޔާއިން މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމްކުރަން މަސައްކަތް ފަށައިފައެވެ.