މިމަހުގެ 19ވަނަ ދުވަހު ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތައްޔާރުވެއްޖެއެވެ.

އެކުންފުނިން މިއަދު ބުނީ އެ ހިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ. ބަންކަރިން ހިދުމަތުގެ އިތުރުން، އެހެނިހެން އެހީތެރިކަމުގެ ހިދުމަތްތައް ނުވަތަ އިތުރު ހިދުމަތްތައް އެ ސަރަހައްދުގައި ފޯރުކޮށްށްދެވޭނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

"މިހާރުވެސް ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތަށް އެދި ބުކިންތައް ލިބެމުންދާކަން އެސްޓީއޯއިން ފާހަގަކުރަން. އަދި މިއާއެކު މި ހިދުމަތް ފެށި، އިތުރަށް ފުޅާކޮށް، އިތުބާރުހުރި ހިދުމަތަކަށް ހެދުމާއެކު، މާކެޓް އިތުރަށް ފުޅާވެގެންދާނެކަމުގެ ޔަގީންކަން އެސްޓީއޯއަށް އެބައޮތް،" އެކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން މައުލޫމާތު ދިން ގޮތުގައި އާންމު ގޮތެއްގައި މި ސަރަޙައްދުގައި (އިންޑިއަން ސަބް ކޮންޓިނެންޓް) ބަންކަރިން ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ލަންކާގެ ކޮލަމްބޯ އަދި އިންޑިއާގެ ބަނދަރުތަކުންނެވެ.

"އެސްޓީއޯއިން އެންމެ ފުރަތަމަ ބަންކަރިން ހިދުމަތް ފޯރުކޮށްދިނުމަށް ރޭވިފައި ވަނީ އެމެއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ "ވައިސީ ބެރިއާ" އަށް. މިއީ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިންއެއް. މީގެ ކުރިންނަމަ މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކާކުރަމުން އައީ ކޮލަންބޯއިން. ސަބަބަކީ ލޯ ސަލްފާ ފިއުލް އޮއިލް މީގެކުރީ ލިބެން ނުހުންނާތީ،" އެސްޓީއޯ އިން ބުންޏެވެ.

އެމްއެސްއެސްގެ "ވައިސީ ބެރިޔާ" އަކީ ކޮލަމްބޯ އާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. އެ އުޅަނދު މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރެއެވެ. އަދި އެ އުޅަނދުގައި 1،100 ކޮންޓެއިނަރު އުފުލުމުގެ ގާބިލުކަން ހުރެއެވެ.