ކަންކަން ނިންމުމުގައި އެއްވެސް މީހެއްގެ މޫނަކަށް ނުބަލާނެ ކަމަށާއި، އަބަދުވެސް ބަލާނީ ހުށަހެޅިފައިވާ މައްސަލަ އަށް ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)ގެ މަގާމަށް ހުށަހަޅާފައިވާ އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ހުސްވެފައިވާ ޕީޖީގެ މަގާމަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ފެންވަރު މަގާމެއްގައި ހުންނެވި ޢައްބާސް ޝަރީފު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މިދިޔަ ހަފްތާގައެވެ. އައްބާސް ޝަރީފު މިހާރު ހުންނެވީ ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓްރީ އެފެއާޒްގެ މަގާމުގައެވެ. އޭނާއަކީ ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އައްބާސްއާ އިންޓަވިއު ކުރުމަށް މިއަދު ބޭއްވި ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އައްބާސް ވިދާޅުވީ ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރޭގައި ދެ ވައްތަރެއްގެ ގާނޫނުތައް އޮންނަ ކަމަށެވެ. އެއީ އާއްމު ގާނޫނާއި ހާއްސަ ގާނޫނުތައްކަން އޭނާ ފާހަގަކުރެއްވިއެވެ. އާއްމު ގާނޫނުގައި ކުށް ކަމަށް ކަނޑައެޅިފައިވާ ކަންކަމަށް ހާއްސަ ގާނޫނުތަކެއް ހެދިފައިވާ ކަމަށް އައްބާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއް ބާވަތެއްގެ ކުށްތަކުގައި އެކި ގޮތް ގޮތަށް ދައުވާ ކުރެވޭ ކުރުން ބަދަލު ކުރުމަށް ހާއްސަ ގާނޫނުތަކުގައި ހުރި ކަންކަން އާއްމު ގާނޫނުގެ ތެރެއަށް ވައްދަން ޖެހޭ ކަމަށެވެ. އަދި އާއްމު ގާނޫނުގެ ތެރެއިން އެއް އުސޫލަކުން އެއް މިންގަނޑަކުން ދައުވާ ކުރެވޭނެ ގޮތަށް ގާނޫނީ ނިޒާމަށް ބަދަލު އަންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑަށް ޕާސަނަލީ ދެވޭނެ ޔަގީންކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރުވެސް ޕީޖީ އޮފިސް ތެރޭގައި އެސްއޯޕީސް ހުންނާނެ ލިޔެވިފައި. ދައުވާ ކުރާނެ އަމަލުކުރާނެ އުސޫލުތައް. ނެތް ކަމަށް ވަންޏާ ހުރި އުސޫލުތައް ވެސް އަޅުގަނޑު ޕީޖީ ކަމަށް އައްޔަންވެއްޖެ ކަމަށްވަންޏާ އަޅުގަނޑު މުރާޖާ ކުރާނަން ކޮށްފައި ޕަބްލިޝް ކުރާނަން. ހިސާބުން އަޅުގަނޑު ގަބޫލުކުރަނީ ހާމަކަން ބޮޑު ގޮތެއްގައި އުސޫލުތަކާ އެއްގޮތަށް ދައުވާކުރަން ފެށޭ ހިސާބުން އެ ޔަގީންކަން އާއްމުންނަށް ލިބިގެން ދާނެކަން. އަޅުގަނޑު ޕާސަނަލީ އަރުވާ ޔަގީންކަމަކީ އެއްވެސް މީހެއްގެ މޫނަކަށް އަޅުގަނޑު ނުބަލާނަމޭ ހުށަހެޅިފައިވާ މައްސަލައަށް ބަލައިގެން ނޫނީ އަޅުގަނޑުގެ ޑިސިޝަނެއް ނުނަގާނަމޭ،" އައްބާސް ވިދާޅުވިއެވެ.
ޕީޖީގެ މަގާމަށް އައްބާސްއާ އެކު، ހަ ބޭފުޅަކު ކުރިމަތިލެއްވިއެވެ. ނަމަވެސް ރައީސް މަޖިލީހަށް ހުށަހެޅުއްވީ އައްބާސްގެ ނަންފުޅު އެކަންޏެވެ. އައްބާސްގެ ނަން ކޮމެޓީން ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ވޯޓަށް އަހާނީ އައްބާސްގެ ނަމަށް އެކަންޏެވެ.